ފާއިތުވި 40 އަހަރު ތެރޭ، ފުރަތަމަ ފަހަރަށް ރަސްމީ ދަތުރުފުޅެއްގައި ރައީސަކު ކުނަހަންދޫއަށް
ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި އިއްޔެ ކުނަހަންދޫއަށް ކުރެއްވި ޒިޔާރަތަކީ ރާއްޖޭގެ ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ރައީސަކު ވޭތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭ ކުނަހަންދޫއަށް ކުރެއްވި ފުރަތަމަ ޒިޔާރަތް ކަމަށް ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަކީބު ވިދާޅުވެއްޖެއެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް ޝަކީބު މިހެން ވިދާޅުވީ ކުނަހަންދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް އިއްޔެ ކުނަހަންދޫގައި ބޭއްވި ރަސްމީ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ޝަކީބު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ރައީސަކު ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއެއްސެވުމަށް މި ވޭތުވެ ދިޔަ 40 އަހަރުތެރޭ ކުނަހަންދޫއަށް ވަޑައިގެންނެވި ފުރަތަ ރައީސަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް ޝަކީބު ވިދާޅުވި ގޮތުގައި އިއްޔެއަކީ ކުނަހަންދޫގެ ތާރީޚު ދުށް އުފާވެރި ދުވަހެކެވެ. ކުނަހަންދޫ ރައްޔިތުން އުފަލާއެކު އެކަން ވަނީ ބަލައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމައްޗަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި އިއްޔެ ކުނަހަންދޫގައި ވަނީ އެ ރަށުގެ ބައެއް މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސްރޫޢާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި، ޒަމާނީ ވޮލީ ކޯޓެއްގެ މަސައްކަތާއި އަދި ފިޓްނަސް ރެކްރިއޭޝަން ސެންޓަރގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކޮށް، ޕޮލިސް ސްޓޭޝަންގެ މަސައްކަތާއި، ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ ބައިގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައެވެ.