"ފެހި ދިރުން އެކްސްޕޯ" ގައި ވަޒީރު ދެއްވެވި ޚިޠާބު
ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް، ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދު، ސިއްޙީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް، ސަފީރުން، ސަރުކާރުގެ އެކިއެކި މުވައްސަސާތަކުގެ އިސްވެރިން، ވުޒާރާގެ މުވައްޒަފުން، މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން،
އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ.
އަޅުގަނޑުމެންގެ ޝަރަފުވެރި މެހެމާނު، ވަޒީރް އާދަމް ޝަރީފް މި ޙަފްލާއަށް ވަޑައިގެން ދެއްވިކަމަށްޓަކައި އެމަނިކުފާނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ނުހަނު އަވަދި ނެތި އުޅުއްވަމުންވެސް މިފަދަ މުހިންމު ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމީ، މަނިކުފާނު މި ދާއިރާއަށް ދެއްވާ ޚާއްޞަ ސަމާލުކަމާއި އިސްކަމުގެ ހާމަ ހެއްކެއް.
ފެހި ދިރުން އެކްސްޕޯ އަކީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި، އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ކުރިއަށްގެންދެވޭ ޚާއްޞަ ޙަރަކާތެއް.
މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމާއި، ކާބޯތަކެއްޗާއި، އަދި ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެބައިމީހުންގެ މަސައްކަތްތައް އެއް މަންސަ އަކުން ޢާންމުންނަށް ފޯރުކޮށްދިނުން. މީގެ އިތުރުން، ކާނާގެ ރައްކާތެރިކަމާއި ފުދުންތެރިކަމާ ބެހޭގޮތުންނާއި، ޖަނަވާރުންގެ ދުޅަހެޔޮކަމާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރުން.
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިޢާރު، ފުރިހަމަ ދިރިއުޅުމަކަށާއި އުޖާލާ މުސްތަޤްބަލަކަށް: ކާބޯތަކެތި ހޯދުމުގެ އަސާސީ ޙައްޤު
މި ޝިޢާރުގައި އެކުލެވިގެންވަނީ ޢުމްރާނީ ތަރައްޤީއާއި އިންސާނީ ޙައްޤުތަކުގެ މުހިންމު މަފްހޫމެއް. އެއީ ކޮންމެ އިންސާނަކަށްމެ ރައްކާތެރި ފައިދާހުރި ކާނާ ލިބުމަކީ އަސާސީ އިންސާނީ ޙައްޤެއް ކަން. މީގެ އިތުރުން، ފުދުންތެރި ދިރިއުޅުމަކަށާއި ފާގަތި މުސްތަޤްބަލަކަށް މަގުފަހިކޮށްދިނުމުގައި ކާބޯތަކެތީގެ މުހިންމުކަން މި ޝިޢާރުން ފާހަގަކޮށްދޭ. އެހެންކަމުން، މުޖުތަމަޢުގެ ކޮންމެ ފަރުދަކަށްމެ ރައްކާތެރި އަދި ފޯރުންތެރި ކާނާ ލިބިދިނުމަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އިސްކަންދޭންޖެހޭ ކަމެއް ކަމުގައި މި ޝިޢާރުން ހާމަކޮށްދޭ.
ދަނޑުވެރިކަމުގެ ސިނާޢަތަކީ އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ، އަދި ޤައުމުގެ އިޤްތިޞާދަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއް. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން މަސައްކަތްކުރަމުން ގެންދޭ. މި ދާއިރާގައި ޚާއްޞަ އެށް ކަމަކީ، މި ސިނާޢަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައީ ހީވާގި ކަނބަލުންކަމުގައި ވުން. މިއީ އަޅުގަނޑު އުފަލާއެކު ފާހަގަކުރާކަމެއް. އެހެނީ މިއީ އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާ ކަމެއް. ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މި ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދޭ.
މިގޮތުން ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދައި، ރަށުގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އަމާޒުކޮށްގެން ޕްރޮޖެކްޓްތައް ހިންގުމާއި، ދަނޑުވެރިކަމުގެ ތަފާސްހިސާބު އެއްކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުން ހިމެނޭ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންތެރި އިރުޝާދަކީ ކޮންމެ ރަށަކުންވެސް ދަނޑުވެރިކަމަށް ޚާއްޞަ ބިންތައް ކަނޑައަޅައި، އަމިއްލައަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމަށް މަސައްކަތްކުރުން. މި މުހިންމު މަސައްކަތަށް ސަރުކާރުން ދަނީ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެމުން.
މި ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި، ޞިއްޙަތަށް ފައިދާހުރި މުރަނގަ ގަސް އާލާކުރުމާއި، އޭގެ އުފެއްދުންތައް އިތުރުކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވި، އެކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން ގެންދޭ. މީގެ އިތުރުން، ދޮންކެޔޮ ހައްދާ އާލާކުރުމަށް ބާރުއަޅައި، އެކަމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަމެއް ދެވޭ. އަދި ހަމައެހެންމެ، ދިވެހިންގެ ސަގާފީ އަދި އިޤްތިޞާދީ ތަރިކައިގެ މުހިންމު ބައެއް ކަމުގައިވާ ދިވެހި ރުކުގެ ނަސްލު އަލުން ދިރުވައި، އާބާދީ އިތުރުކުރުމަށް ޚާއްޞަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވެމުންދޭ.
ދިވެހިރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓަށާއި އިންސާނުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އަސާސީ މުހިންމުކަމެއް. މި ގޮތުން، އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ޔަޤީންކުރުމަކީ ކާނާގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު ބިންގަލެއް. މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް ސެޓިފިކޭޝަން ނިޒާމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ރައްކާތެރިކަމާއި، ފެންވަރު އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުން ކަށަވަރުކޮށްދޭ ޤައުމީ މިންގަނޑެއް. މި ނިޒާމުގެ ސަބަބުން ދިވެހި ދަނޑުވެރިކަމުގެ ސިނާޢަތަށް އިތުބާރު އިތުރުވެ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާނެ.
މީގެއިތުރުން، ދަނޑުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަކޮށް ތައްޔާރުކުރެވިފައިވާ 'ދަނޑުވެރިޔާ' މޮބައިލް އެޕްލިކޭޝަންގެ ބީޓާ ވަރޝަންގެ ޓެސްޓިންގ މަރުޙަލާ މިހާރު ދަނީ ކުރިއަށް. މި މަރުޙަލާ ނިމުމާއެކު، މި އަހަރުގެ ތެރޭގައި 'ދަނޑުވެރިޔާ' އެޕްލިކޭޝަން ދިވެހިރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށް ބޭނުންކުރެވޭގޮތަށް ޢާންމުކޮށް ހުޅުވާލެވިގެން ދާނެ.
އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، މި އެކްސްޕޯގެ ކާމިޔާބީއަށްޓަކައި މިނިސްޓްރީގެ އިޚްލާޞްތެރި މުވައްޒަފުން ކުރެއްވި މަސައްކަތްތަކަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި ހަމައެހެންމެ، މި ޙަރަކާތުގެ ސްޓޯލްތަކުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް އިޙްތިރާމާއެކު ޝުކުރު އަދާކުރަން. މި އެކްސްޕޯގެ ކާމިޔާބީއަކީ ތިޔަ ބޭފުޅުންގެ ފަންނުވެރިކަމާއި ޝައުޤުވެރިކަމުގެ ދިރުންހުރި ހެއްކެއްކަން ފާހަގަކޮށްލަން. ދަނޑުވެރިކަމާއި، ކާބޯތަކެތީގެ އުފެއްދުންތެރިކަމާއި، އަދި ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހައި ފަރާތްތަކުގެ އަގުހުރި ޚިދުމަތްތައް އަގު ވަޒަންކޮށް، އެކަން ޤަދަރުވެރިކަމާއެކު ފާހަގަކުރަން.
މި އެކްސްޕޯގެ ސަބަބުން ހުރިހާ ބައިވެރިންނަށްވެސް މުހިންމު މަޢުލޫމާތު ލިބި، ފައިދާހުރި ގުޅުންތައް ޤާއިމުކުރެވޭނެ ކަމަށް އުންމީދުކުރަން. ތިޔަ އެންމެހައި ބޭފުޅުންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމާއި ފާގަތިކަން މިންވަރުކުރެއްވުން އެދި، މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި ތިޔަ ބޭފުޅުންގެ މަސައްކަތްތަކުގައި ބަރަކާތްލައްވައި، ޤައުމަށް ނަފާކުރަނިވި ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ތައުފީޤު ދެއްވުން އެދި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ
