ބަންޑުންޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން: އެމް.އެން.ޑީ.އެފް
ތުޅާގިރި ކައިރިން ބަންޑުން ޖަހާލާ އަޑިއަށް ގޮސްފައިވާ "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ މެންދަމު 03:08 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއިއެކު، މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ޑައިވަރުންނާ އެކު އެސަރަހައްދަށް ގޮސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން ކުރެވުނު މަސައްކަތުން ލޭންޑިންގ ކްރާފްޓުން ދަތުރުކުރި ހަތް މީހުންގެ ތެރެއިން 4 މީހުން ރޭ ވަނީ ސަލާމަތް ކުރެވިފައެވެ. އަދި، ގެއްލިފައިވާ ތިން މީހުންގެތެރެއިން އެކަކުގެ ހަށިގަނޑު ކަނޑުގެ އަޑިން، މިއަދު ހެނދުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ނަގާފައެވެ. އަދި އަޑިއަށް ގޮސްފައިވާ ލޭންޑިންގ ކްރާފްޓްގައިތިބި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ވަޔާއި، ކަނޑުގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ލޭންޑިންގ ކްރާފްޓް، މާލެއިން ފުރައިގެން ކ.އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް، ކ.ތުޅާގިރި ކައިރިއަށް ރޭ ބަންޑުން ޖަހާލުމާ ގުޅިގެންނެވެ.