2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ޞިއްޙީ ދާއިރާއަށް އެކަށައަޅުއްވާނަން - ރައީސުލްޖުމްހޫރިއްޔާ
2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ޞިއްޙީ ދާއިރާއަށް، އެކަށައަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ތަރުތީބަށް އިޝާރާތްކުރައްވައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ، ޞިއްޙީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށްކަމުގައި ވިދާޅުވެފައެވެ. އަދި މި ދާއިރާ ތަރައްޤީ ކަށަވަރުކުރެއްވުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަވާނޭ އައު މަޝްރޫޢުތަކެއް ބަޖެޓުގައި ހިމަނުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާއާށް އަލިއަޅުއްވާލައްވަމުން ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، 2026 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.