ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން
މުޅި ރާއްޖެއަށް ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެކަމާއި، އަދި ޚާއްޞަކޮށް މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަމެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރަމެވެ. ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އިލްތިމާސްކުރަމެވެ.