ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބާގައި ވަޒީރު ދެއްވެވި ޚިޠާބު
بسم الله الرحمن الرحيمالحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين سيدنا محمد وعلى آله وصحبه أجمعين.
ދިވެހި ލޮބުވެތި ރައްޔިތުން އަދި ދިވެހި ރާއްޖޭގެ ކާނާގެ ޔަގީންކަމަށް މަސައްކަތް ކުރައްވަމުންގެންދަވާ ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން- އައްސަލާމް އަލައިކުމް.
2025 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށާއި އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމަށް ކާނާގެ ޔަގީންކަން ކަށަވަރު ކުރުމުގެ މަތިވެރި އަޒުމުގައި، ދިވެހި ބިމުން އުފެއްދުންތެރިކަން އިތުރު ކުރުމަށް މިންނެތް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އެންމެހައި ދިވެހި ދަނޑުވެރިންނަށް، އަޅުގަނޑުމެންގެ ހިތުގެ އުމުގުން އިޚްލާޞްތެރި ޝުކުރާއި ތަހުނިޔާ އަރިސްކުރަން. އަދި މި ޚާއްޞަ ދުވަހުގައި، މި ސިނާއަތުގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ތަހްނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަން.
ދިވެހިރާއްޖޭގެ އިޤްތިސާދު މައިގަނޑު ބިނާވެފައިވަނީ ކަނޑުގެ މުއްސަނދި ވަސީލަތްތަކަށް. ނަމަވެސް، ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ވިސްނާއިރު، ދަނޑުވެރިކަމުގެ ސިނާއަތަކީވެސް އިޤްތިސާދަށް މުހިންމު ސިނާއަތެއް. ޚާއްޞަކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމު. މި ސަބަބުތަކަށްޓަކައި، ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް ކޮންމެހެން ލާޒިމުވެގެންވާ ކަމެށް.
ދަނޑުވެރިކަން ކުރުމުގައި ދިވެހިރާއްޖޭގެ ބިން ކުޑަވުމާއި، ބިމުގެ ފެންފަށަލަތަށް ލޮނުވުންފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އަޅުގަނޑުމެންގެ ދަނޑުވެރިން ދަނީ މިކަންކަމާ ކުރިމަތިލައި، އީޖާދީ ހައްލުތައް ހޯދަމުން.
މިހާރު ދަނޑުވެރިކަމުގެ ސިނާއަތުގައި ހޯދަމުންދާ ކުރިއެރުންތަކަށް ބަލާލާއިރު، ހައިޑްރޮޕޮނިކްސް، ވަރޓިކަލްފާމިންގް އަދި އެއިރޮޕޮނިކްސް ފަދަ ގޮތްތައް ބޭނުންކުރުމުގެ އިތުރުން، ތިމާވެއްޓާއި ރައްޓެހި ދަނޑުވެރިކަމަށް އަޅުގަނޑުމެން މިދަނީ އަމާޒުހިފަމުން. ހަމަމިއާއެކު މިސިނާޢަތުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ އިތުރުކުރުން މިއީ ދަނޑުވެރިކަން އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކާނާގެ ޔަޤީކަން ގާއިމްކުރުމަށް މުޙިއްމު ކަމެއް. މިގޮތުން، ސްކޫލްތަކުގައި ދަރިވަރުންނަށް ދަނޑުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަކީ ވެސް މިފަދަ ކުރިއެރުމެއް.
ދަނޑުވެރިކަން ތަރައްގީކުރުމަށާއި ސިންދުފާތު ކުރުމަށް އަޅުގަނޑުމެންގެ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް ދަނޑުވެރިކަމުގެ ލެބޯޓަރީއެއް ގާއިމްކުރުމުގެ މަސައްކަތް މިދަނީކުރެވެމުން، ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ އުތުރުން ފެށިގެން ކޮންމެ އަހަރަކު އަތޮޅަކަށް، އެއަތޮޅެއްގެ ގޭބިސީތަކަކަށް މިއަންނަނީ ގަސް ބަހަމުން. ހަމަމިއާއެކު މުރަނގަ އަދި ފަތްކެޔޮ އާލާކޮށް އެތަކެތިން ނަފާ އިތުރުކޮށް އެ އުފެއްދުންތަކަށް އަގު އެއްކުރެވޭނެ މަގުތައް ފަހިކޮށްދިނުމަށް ވުޒާރާއިން މިއަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ދަނޑުވެރި ރައްރަށުގައި އެރަށެއްގެ ދަނޑުވެރިން މިވަގުތައް އެންމެ ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިސްކަމެއްގެ ތެރެއިން ޕްރޮޖެކްޓުތައް ފެށުމަށްމިދަނީ ތައްޔާރުވަމުން. އަދި ހަމަ އެހެންމެ ދަނޑުވެރިކަން ސިންދުފާތު ކުރުމަށްޓަކައި ވެލިއު އެޑިޝަން ސެންޓަރުތައް ގާއިމް ކުރުމަށްޓަކައި މިއަންނަނީ މަސައްކަތް ކުރަމުން. ދިވެހި ދަނޑުތަކުގައި އުފެއްދޭ ތަކެއްޗަކީ ސިއްހަތަށާއި ވެއްޓަށް ފައިދާހުރި ގޮތުގައި ހައްދާފައިވާ ތަކެތިކަން ކަށަވަރުކުރުމުން ދެވޭ "މޯލްޑިވްސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް" ސެޓިފިކޭޝަންގެ ދަށުން މިއަހަރުވަނީ ށ.ގޮއިދޫގެ 10 ދަނޑެއް ސެޓިފައި ކުރެވިފައި. މިއީ ރާއްޖޭގެ ހުރިހާ ދަނޑުވެރިންވެސް މިސާލުނަގަން ޖެހޭ މުހިއްމު އަދި ތާރީޚީ ކުރިއެރުމެއް ކަމުގައި ދެކެން.
ދަނޑުވެރިން އުފައްދާތެކެއްޗަށް މާރކެޓް ހޯދުމުގެ ގޮންޖެހުމާއި އަދި މާކެޓަށް ތަކެތި ފޯރިކޮށްދިނުމުގައި ހުރި ގޮންޖެހުން ތަކުން އަރައިގަތުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި އެގްރޯ ނެޝިނަލް ކޯޕަރޭޝަން އާއި އެކު މިދަނީ މަސައްކަތްތަކެއް ކުރަމުން. ކައިރި މުސްތަޤުބަލެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިންގެ ތަކެތި ވިއްކޭނި އިންތިޒާމް ޤާއިމްވެގެންދާނެ.
ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް މިއަންނަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން. އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ދިވެހި ދަނޑުވެރިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން.
މި ދުވަހުގެ ބޭނުމަކީ، އަޅުގަނޑުމެން ހުރިހާ އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމަށް އަޒުމްކަނޑައަޅާ ގުޅިގެން މަސައްކަތް ކުރުން ކަމުގައި ދެކެން. ދަނޑުވެރިޔާއިން ފެށިގެން، ރިސޯޓުތަކާއި ވިޔަފާރިވެރިން އަދި ދިވެހި ކޮންމެ ރައްޔިތަކީވެސް ދިވެހި ދަނޑުވެރިކަމަށް އެހީތެރިވެވޭނެ ފަރާތެއް ކަމުގައި ދެކެން.
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކާނާގެ ޔަގީންކަމަށް ދެވޭ އެއްބާރުލުމެއްގެ ގޮތުން ބިމެއް ކަނޑައަޅައި މި ގައުމީ މަސައްކަތަށް މި ވުޒާރާއާއި ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ރައްޔިތުންގެ ކާނާގެ ރައްކާތެރިކަމަށް މިފަދަ މަސައްކަތެއްކޮށްގެން މެނުވީ މުޅި ގައުމުގެ ކާނާގެ ރައްކާތެރިކަން ހާސިލް ކުރުމީ ގޮންޖެހުންތައް ހުންނާނެ ކަމެއް.
އަޅުގަނޑުމެންގެ އުންމީދަކީ، ދިވެހިރާއްޖެއަކީ ދަނޑުވެރިކަމުގެ އީޖާދީ އުފެއްދުންތެރިކަމުގެ ރީތި ނަމޫނާއަކަށް ވުން. ބޭރުގެ އުފެއްދުންތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި ކުރާ ވަރަށް މުހިންމު ކަމެއް. މިކަމުގެ ސަބަބުން މި ލޮބުވެތި ގައުމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބިގެންދާނެކަން ކަށަވަރު.
والسلام عليكم ورحمة الله وبركاته.
