logo
banner image

މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖޭގެ މަސް އެކްސްޕޯޓް %90 ވުރެ އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ރާއްޖެއިން މަސް ބޭރު ކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅަބަލާއިރު 90.3 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %90.3 ވަނީ އިތުރުވެފައެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ރާއްޖެއިން ޖުމްލަ 57,318 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 30,125 މެޓްރިކް ޓަނުގެ މަހެވެ. މިއަހަރު އެކްސްޕޯޓް ކުރި މިންވަރު މިދިޔަ އަހަރަށްވުރެ %90.3 އިތުރުވެފައިވާއިރު، މިއީ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.

ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 51,624 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 24,980 މެޓްރިކް ޓަނުގެ މަހެވެ. އެހެންވިމާ ތާޒާ، ފިނިކުރި ކަނޑުމަސް އެކްސްޕޯޓް ކުރި މިންވަރު %106.7 ވަނި އިތުރުވެފައެވެ.

މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން 1,118.8 މެޓްރިކް ޓަނުގެ ޕްރޮސެސްކުރި މަސް އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 679.2 މެޓްރިކް ޓަނުގެ މަހެވެ. މިއީ %64.7 އިތުރުވުމެކެވެ.

ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމަކީ އިޤްތިޞާދުގެ މައި ތަނބެވެ އެހެންވީމާ މި ދާއިރާއިން ލިބޭ އާމްދަނީ އިތުރުކޮށް، އިޤްތިޞާދުގައި އޭގެ ހިއްސާ ބޮޑުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.