އދ. ހަންޏާމީދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފި
ސަރުކާރުން އެލްޖީއާ ހަވާލުކޮށްގެން ޢިމާރާތްކުރި، އދ. ހަންޏާމީދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ހަންޏާމީދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް ހުލުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި ހަންޏާމީދޫއަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާއި، ދައުލަތުގެ އެހެނިހެން ބައެއް ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުންނާއި، ހަންޏާމީދޫ ކައުންސިލްގެ ރައީސާއި އަދި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަންޏާމީދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް އެލްޖީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކައުންސިލް އިދާރާއެކެވެ.
މި ސަަރުކާރުން އެލްޖީއޭ ޕްރޮޖެކްޓްގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫޢާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ކައުންސިލް ޢިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް، އާރުސީސީއާ ޙަވާލުކޮށްފައިވާ 55 ކައުންސިލްގެ ތެރޭން ބައެއް ރަށްތަކުގެ މަސައްކަތް ސަބްކޮންޓްރެކްޓަރުންނާ ހަވާލުކުރެވި، ޢަމަލީ މަސައްކަތް ފެށިފައިވާ އިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރާ ކައުންސިލްތަކުގެ ފީޒިބިލިޓީ ހެދުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.