logo
banner image

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

މިނިވަން ދުވަހުގެ ތަހުނިޔާ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ފޮނުއްވެވީ ޕީއެސްއެމް މެދުވެރިކުރައްވާ ފޮނުއްވެވި މެސެއްގައެވެ.

މިމެސެޖްގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ފާހަގަކުރެއްވި ގޮތުގައި މިނިވަން ދުވަހެއް އަޅުގަނޑުމެން ފާހަގަކުރަމުން ދާއިރު، އަޅުގަނޑުމެން އެންމެންވެސް ހަނދާން ބަހައްޓަންވީ ކަމަކީ، މުސްތަޤިއްލު ވަކި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ސާބިތުވެ އޮތުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، އަބަދުވެސް ދިވެހި ރައްޔިތުންގެ ބާރު ދިވެހި ޤައުމުގެ އެންމެހާ ކަންކަމުގެ މައްޗަށް އޮންނަކަން ކަށަވަރުކުރުން ކަމުގައެވެ. އަދި މި ޤައުމުގެ ސަރަޙައްދަކީ ދިވެހި ރައްޔިތުންގެ މުޤައްދަސް ބިން އެކުލެވޭ ސަރަޙައްދެއް ކަމަށްވުމާއެކު، ދިވެހިންނަށް ފުރިހަމަ ޙިމާޔަތާއި ސަލާމަތްކަން ލިބޭ ތަނަކަށްވުން ކަމަށާއި، ދިވެހިންގެ ދީނާއި އާދަކާދަތަކާއި، ދިވެހިންގެ ބަސް ހިމެނޭގޮތުން، އަޅުގަނޑުމެންގެ ދިވެހިވަންތަކަން އެގޮތުގައި ދެމެހެއްޓުން ކަމުގައެވެ.

އޭގެ އިތުރުން، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ މެސެޖުގައި، ދިވެހިރާއްޖޭގެ މިނިވަންކަން ޙިމާޔަތްކޮށް ދަމަހައްޓާ، އަންނަން އޮތް ޖީލުތަކަށް އެ މިނިވަންކަން ރައްދުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ އިސް މަސްއޫލިއްޔަތު އަދި އެންމެ މަތިވެރި ޤައުމީ ވާޖިބުކަންވެސް އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ މިނިވަންކަމާއެކު ދިވެހިންނަށް ސަލާމަތް ތަނެއްގެ ގޮތުގައި އޮންނާނީ އަޅުގަނޑުމެން އެންމެން، އަނެކާގެ ޙައްޤުތަކަށް ރައްކާތެރިވެ، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި އަމިއްލަވަންތަކާއި ޤައުމިއްޔަތު އިސްކޮށްގެންކަމާމެދު ޝައްކުނުކުރައްވާ ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ މެސެޖު ނިންމަވާލެއްވީ، އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި އަބަދުގެ އަބަދަށް ލެހެއްޓަވާ. ދިވެހިންނަކީ އެކަކު އަނެކަކާ ދޭތެރޭ ރަޙުމް ހުރި އޯގާތެރި މުސްލިމް އަޚުންތަކެއްގެ ގޮތުގައި ދެމެހެއްޓެވުން އެދި ދުޢާ ދެންނެވުމަށް ފަހުއެވެ.