logo
banner image

"ދަތުރުވެރީންގެ ވާހަކަ"، ޝާރުޖާ ނެރޭޓާރސް ފޯރަމް 25ގެ ޚާއްސަ މަންޒިލަކަށް ދިވެހިރާއްޖެ

ޝާރުޖާ ތަރިކައިގެ މަޢުހަދުން އިންތިޒާމުކުރި ޝާރުޖާ ނެރޭޓާރސް 25ވަނަ ފޯރަމްގައި މިއަހަރު ޚާއްޞަކުރެވިފައިވަނީ ދިވެހިރާއްޖެއަށެވެ.

"ދަތުރުވެރީންގެ ވާހަކަ" މި ޝިޢާރުގެ ދަށުން ބޭއްވޭ މި ފޯރަމަކީ އެކި ޤައުމުތަކުގެ ތާރީޚާއި ސަޤާފަތާއި އާދަކާދަތައް ބޭރުދުނިޔެއަށް ދައްކުވައިދިނުމާއި، ފަންނުވެރީންގެ ހުނަރުތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ މުހިންމު ފޯރަމެކެވެ.

މި ފޯރަމުގައި ރާއްޖެ ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ތަރިކައާއި މާދަރީބަހުގެ ޢިލްމުވެރީންނާއި، ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބި، އެ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ވެސް ވަނީ ލިބިފައެވެ. މި ދަތުރުފުޅުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އިތުރުން، ރާއްޖޭގެ ސަޤާފީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ތަޖުރިބާ އާއި ހުނަރުގެ ގޮތުން ލާމަސީލު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ "ޤައުމީ ޚަޒާނާ"އެއްގެ ގޮތުގައި ބަލައިގަންނަ ފެންވަރުގެ ޝަޚްސިއްޔަތުތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ފޯރަމްގެ އިފްތިތާޙީ ރަސްމިއްޔާތުގައި ޝާރުޖާގެ އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚް އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީ ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައިތުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ދިވެހިތާނައަކުރާއި، އަރަބި އަކުރާ ހުރި ގުޅުމުގެ މައްޗަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

ފާހަގަކޮށްލެވޭ އެއް ކަމަކީ، މި ފޯރަމްގައި ދިވެހި ޤައުމިއްޔަތުގެ ތާރީޚުގެ އިސްވާރު، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް 2025ވަނަ އަހަރުގެ ޝަރަފުވެރި ރާވީގެ ފަޚުރުވެރި އެވޯޑު، ޝާރިޖާގެ އަމީރު ޞާޙިބުއްޞުމުއްވު އައްޝައިޚު އައްދުކްތޫރު މުޙައްމަދު ބިން ޞުލްޠާނު އަލްޤާސިމީގެ އަތްޕުޅުން ލިބިވަޑައިގަތްކަމެވެ.

މީގެ އިތުރުން، މި ފޯރަމްގައި ދިވެހިރާއްޖެ އިސްލާމްވި ހާދިސާ އަސްލަކަށް ބަލައިގެން، ކުޑަކުދީންނަށް އަމާޒުކޮށް ލިޔެފައިވާ ވާހަކައެއް "މަލްދީފިއްޔަން ޖަޒީރަތުއްނޫރު" މި ނަމުގައި އަރަބި ބަހުން ޝާއިޢުކޮށްގެން ނެރެފައިވެއެވެ. މި ވާހަކަ ލިޔުއްވި ނޫރާ ޚައްޔާލަކީ އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ ޒުވާން ލިޔުންތެރިއެކެވެ. މި ފޮތުގެ ސަބަބުން އަރަބި ދުނިޔޭގެ ކުޑަކުދީންނަށް ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާ ބެހޭގޮތުން މަޢުލޫމާތު ލިބި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ޤައުމިއްޔަތުގެ އިސްވަރުންނަށް، ޒަމާނީ ޓެކްނޮލޮޖީއާއި ޢިލްމީ އާ ވިސްނުންތަކާއެކު ދުނިޔޭގައި ތަރިކައިގެ ދާއިރާ ތަމްސީލުކުރާ އުފެއްދުންތެރި އީޖާދީ އާ ގޮތްތަކަށް އަހުލުވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. މިއީ ރާއްޖޭގެ ތަރިކައިގެ ދާއިރާ ތަރައްޤީކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ.

ޝާރުޖާ ނެރޭޓާރސް ފޯރަމްގައި ދިވެހިރާއްޖެ ބައިވެރިވުމަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ މުހިންމު ފުރުޞަތެކެވެ. މި ފޯރަމްގެ ސަބަބުން ރާއްޖޭގެ ތާރީޚާއި ސަޤާފަތް އަރަބި ދުނިޔެއަށް ތަޢާރަފުކުރުމުގެ މަގު ފަހިވެގެން ދިޔައެވެ. އަދި ރާއްޖޭގެ ފަންނުވެރީންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބި، ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުންތައް ޤާއިމުކުރުމަށް މަގުފަހިވެގެން ދިޔައެވެ.

މި ފަދަ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ރާއްޖޭގެ މާޒީއާއި މުސްތަޤުބަލު ގުޅުވައިދޭ ފަދަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. އަދި މިފަދަ ފޯރަމްތަކުގައި ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ޒުވާން ޖީލުތަކަށް އިތުރު ފުރުޞަތުތައް ހުޅުވި، ރާއްޖޭގެ ތަރިކައާއި ސަގާފަތް ދެމެހެއްޓުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަން ޔަޤީނެވެ.

ޝާރުޖާ ނެރޭޓާރސް ފޯރަމްގައި ދިވެހިރާއްޖެ ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް އިތުރު ބާރެއް ލިބި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މަޤާމު އުސްވެގެން ދިޔަކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގެ ސަގާފަތާއި ތަރިކަ ދެމެހެއްޓުމަށާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއްކަން ޝައްކެއްނެތެވެ.