ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ ގަސްގަހާގެހި ހައްދައި ބެލެހެއްޓުމާ ބެހޭ މަޢުލޫމާތުގެ ދަންފަޅިއެއް ކުރިއަށްގެންގޮސްފި.
މި އަހަރުގެ ޤައުމީ ދުވަހު ހއ. އުތީމުގައި އިންދާފައިވާ ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ ބައެއް ގަސްގަހާގެއްސަށް ފަރުވާދީ، އެ ގަސްތައް ބަލަހައްޓައި، ހައްދާނެ ގޮތުގެ މަޢުލޫމާތު ދަންފަޅިއެއް ކުރިއަށްގެންގޮސްފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ދާދިވަރުކޮށް މިއަދު ހަވީރު ކުރިއަށްދިޔަ މި ދަންފަޅީގައި ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ "ބޭސްގަސް" އިންދުމާއި ބެލެހެއްޓުމާއި އެ ގަސްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތާބެހޭ މަޢުލޫމާތު ދެއްވީ ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ ނައިބު ރައީސް އިބްރާހީމް ސަލީމާއި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ އެޑްވައިޒަރ އަންވަރު ނަޢީމެވެ.
މި ތަމްރީނުގައި މިހާރު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އިންދާފައިވާ ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ ބައެއް ގަސްތައް ހެދިބޮޑުވުމުގައި ދިމާވާ މައްސަލަތައް ބަލައި އެމައްސަލަތައް ހައްލުކުރާނެ ގޮތްކިޔައިދީ ބޭސްވެރިކަމުގައި ބޭނުންކުރާ އެ ފަދަ ގަސްތައް އިންދައި ބަލަހައްޓާނެ ގޮތް ކިޔައިދީފައިވެއެވެ.
މި ދަންފަޅީގައި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުވައްޒަފުން އޮންލައިންކޮށް ބައިވެރިވިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ އިސްފަރާތްތަކާއި ދިވެހި ތަރިކަ ދިރާސާ ކުރާ ޤައުމީ މަރުކަޒުގެ އިސްފަރާތްތަކުން ވެސް ބައިވެރިވިއެވެ.