logo
banner image

މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮކްޓޯބަރު 7 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މިކަމަށް އެދި ހުށަހެޅޭނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް ގެ ލިންކް އަކީ: https://mediaapp.one.gov.mv/ އެވެ.

ހިނގަމުން މިދާ 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ކަނޑައަޅާ ދައުލަތުގެ ބެޖެޓުގައި އަމިއްލަ މީޑިއާތަކަށް 0.1 ޕަސެންޓް ކަނޑައަޅުއްވާ ދެއްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަ ކުރައްވާފައެވެ.

ސަރުކާރުން މަގުފަހިކޮށްދެއްވަނީ، މީޑިއާތައް ބާރުވެރިވެ މާލީ މިނިވަންކަން ލިބި ނުފޫޒުން އެއްކިވާބެފައި ވާ ޒިންމާދާރު މީޑިއާއެއް ހިނގަމުން ދިޔުމަށް ކަމަށް ވާއިރު، ދައުލަތުގެ ބަޖެޓުން ކަނޑައަޅާ މިދެވޭ މާލީ އެހީތެރިން ދިނުމަށް އެކަށައެޅި އުޞޫލު https://gazette.gov.mv/gazette/7307 ވަނީ މީގެ ކުރިން ގެޒެޓް ކޮށްފައެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަމަށް އެދެވޭނެ މީޑިއާތަކާއި، އެހީއަށް އެދުމަށްޓަކައި ހުށަހަޅަން ޖެހޭނެ ލިޔެކިޔުންތަކާއި ތަފްޞީލުތައް ހިމަނާފައި ވާ އިރު، އެހީ ލިބޭ ފަރާތްތަކަށް ލިބޭ ޖުމްލަ މާކްސް ނުވަތަ ޕޮއިންޓް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްޞީލާއި، އެހީ ލިބޭ މީޑިއާއަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ލިބިގެން ދާނެއެވެ. އަދި ޝަކުވާ ބަލައި ޖަވާބުދާރީ ވުމުގެ ހުރިހާ މަރުހަލާ އަކާއި އެހީއަށް އެދި ހުށަހަޅާ ފަރާތުން މުރާޖައާ ކުރަން އެދޭނަމަ އެ މަރުހަލާގެ ހުރިހާ މުއާމަލާތެއްވެސް ޕޯޓަލްގެ ތެރެއިން ކުރެވެން ހުންނާނެއެވެ.

މީގެ އިތުރުން އެހީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރިއަށް ދާގޮތްވެސް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަ ކުރައްވައެވެ.