އެމް.އެން.އެސް.ޑީ.އޭއާއި އައި.އައި.ޓީ.އީ އިން ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި
މިނިސްޓްރީ އޮފް ހަޔަރ، އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން މަސައްކަތްކުރާ، މޯލްޑިވިސް ނެޝަނަލް ސްކިލސް ޑިވެލޮޕްމަންޓަލް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި އިންސްޓިޓިއުޓް އޮފް ޓަރޝިއަރީ އެޑިއުކޭޝަން (އައި.އައި.ޓީ.އީ) އާއި ގުޅިގެން ޤައުމީ ފެންވަރުގައި އެޕްރެންޓެސްޝިޕް ޕްރޮޤްރާމެއް ހިންގައި ތަމްރީނު ފޯރުކޮއްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި، މޯލްޑިވިސް ނެޝަނަލް ސްކިލސް ޑިވެލޮޕްމަންޓަލް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)ގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ އިދާރާގެ ސީ.އީ.އޯ ޑރ. ޒަހްރާ މުޙައްމަދެވެ. އަދި އިންސްޓިޓިއުޓް އޮފް ޓަރޝިއަރީ އެޑިއުކޭޝަން (އައި.އައި.ޓީ.އީ)ގެ ފަރާތުން އެ އިންސްޓިޓީއުޝަންގެ ސީ.އީ.އޯ ކެޕްޓަން އާދިލް ރަޝީދު ވަނީ ސޮއިކުރައްވާފައެވެ.
06 އޮގަސްޓް 2020 އިން ފެށިގެން ނެޝަނަލް ކޮންޕިޓެންސީ ސްޓޭންޑަޑް ނުވަތަ ޤައުމީ ފެންވަރުގައި ތަމްރީނުތައް ފޯރުކޮއްދެމުން އަންނަ އިންސްޓިޓިއުޓް އޮފް ޓަރޝިއަރީ އެޑިއުކޭޝަން (އައި.އައި.ޓީ.އީ) ދަށުން މިހާތަނަށް 231 ދަރިވަރުން ވަނީ ތަމްރީނުވެ، ސެޓްފިކެޓް ހާޞިލުކޮއްފައެވެ. އަދި 2022 ވަނަ އަހަރު އައި.އައި.ޓީ.އީ ވަނީ އެމް.އެން.އެސް.ޑީ.އޭގައި ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރައްވާފައެވެ.
މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓަލް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގެ ފަރާތުން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނު ފޯރުކޮއްދިނުމަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލސް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީ ކުރެވިފައިވާ ކޮންމެ އިންސްޓިޓުޓަކަށް ވެސް ވަނީ ފުރުސަތު ހުޅުވައިލެވިފައެވެ.