logo
banner image

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުތަކެއް ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި އެ މަޢުލޫމާތުތައް މަޢުލޫމާތަށް އެދުނު ފަރާތަށް ޙިއްޞާ ކުރެއްވުމަށް ބަނޑާރަނައިބުގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވައިފި

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުތަކެއް ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި އެ މަޢުލޫމާތުތައް މަޢުލޫމާތަށް އެދުނު ފަރާތަށް ޙިއްޞާ ކުރެއްވުމަށް ބަނޑާރަނައިބުގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވައިފިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ސަރުކާރުންކުރި އެންމެހައި ޚަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީ، އެ މަޢުލޫމާތަށް އެދުނު ފަރާތާ ޙިއްޞާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު ICOM-A/2022/08 ނިންމުމުގައި އަންގަވާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި 20 މާރިޗު 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ނަންބަރު 2022/HC-A/105ޤަޟިއްޔާއިން ބައްލަވައި، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭރު އެދިވަޑައިގަތުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 7 ޖުލައި 2023 ގައި މި އޮފީހުން އިސްތިއުނާފުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އެ ކޯޓުގެ ނަންބަރު 2023/SC-A/41ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލައަކީ، މައިގަނޑު ގޮތެއްގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި 76 ވަނަ މާއްދާގެ (ނ) ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށް އިސްތިއުނާފުކުރި މައްސަލައެއް ކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުން އަލުން ދިރާސާކުރުމަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/41 ޤަޟިއްޔާއިން ބައްލަވަމުންގެންދަވާ މައްސަލަ އަނބުރާ ގެނައުމަށް މި އޮފީހުން މިހާރު ވާނީ ނިންމާފައެވެ.

އެހެންކަމުން، މި ނިންމުމާ އެއްގޮތަށް މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވާނީ ހުށަހަޅާފައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތުގެމަތިން، އެ މަޢުލޫމާތުތައް މަޢުލޫމާތަށް އެދުނު ފަރާތަށް ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވާފައިވާނެއެވެ.