logo
banner image

ބްރިޓިޝް ހައި ކޮމިޝަނަރ ވަޒީރު އަޙްމަދު ޝިޔާމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރ، ނިކޮލަސް ޑޭވިޑް ލޯ، މިނިސްޓަރ އަޙްމަދު ޝިޔާމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާގެ ތެރޭގައި، ހައި ކޮމިޝަނަރ ނިކޮލަސް ޑޭވިޑް ލޯ ވަނީ ޔޫކޭ ސަރުކާރުން އިސްކަންދޭ ކަންތައްތައް ފާހަގަކުރައްވާފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިވުމަށް ސްޓްރެޓެޖިކް ބައިވެރިއެއްގެ ގޮތުގައި ވުމަށް ޔޫކޭއިން ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި މިކަމާ ގުޅިގެން މިހާރު ޤާއިމްކޮށްފައިވާ ވަރކިންގ ގްރޫޕުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެފަރާތުން އެކުގައި މަސައްކަތްކުރެވިދާނެ މައިގަނޑު ދާއިރާތަކާ ބެހޭގޮތުންވެސް ތަފްޞީލީ މަޝްވަރާތަކެއް ކުރެއްވިއެވެ. އޭގަތެރޭގައި ފްރީޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ފުރުޞަތުތައް ހޯދުން، ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކުރުން، ޔޫކޭއަށް ދިވެހި ކަނޑުމަސް އެކްސްޕޯޓްކުރުމަށް މަގުފަހިކުރުން، ކުރިއަށް އޮތް އޯޝަން ކްލައިމެޓް ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ވަރކްޝޮޕް، އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމްތައް ހިމެނެއެވެ.

މި މަޝްވަރާތަކުން ދިވެހިރާއްޖެއާއި ޔޫކޭއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތްތަނުގައި ގިނަ ދާއިރާތަކަކުން ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.