logo
banner image

ކަންކަމުގެ ދެ ކޮޅު ހޯދާބަލައި، ތަޙުލީލުކޮށް ކަންއޮތްގޮތް ރައްޔިތުންނަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަކީ ވަރަށް ބޭނުންތެރިކަމެއް: މިނިސްޓަރ

ޢިލްމީ ނަޒަރަކުން ކަންކަމުގެ ދެ ކޮޅު ހޯދާބަލައި، ތަޙުލީލުކޮށް ކަންއޮތްގޮތް ރައްޔިތުންނަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެންވިދާޅުވީ ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ގްރެޖްއޭޝަންގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވާ މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.

"ޤައުމީ ތަރައްޤީއާއި، ޤައުމުގެ އިޤްތިޞާދީ ޙާލަތާއި، ޤައުމުގެ އިޖުތިމާޢީ މައްސަލަތަކާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމާއި، ރައްޔިތުންގެ ބޭނުންތަކާއި، ރައްޔިތުންނާއި މުޅި ޤައުމުގެ ޙާލަތު ބަދަލުކުރުމާ މެދު ޢިލްމީ ނަޒަރަކުން ވިސްނާ، ފިކުރު ހިންގައި ޤައުމުގެ ޙާލަތު ބަދަލުކުރުމުގައި ބިނާކުރަނިވި މަސައްކަތްތަކެއް މި ވަނީ ކުރަންޖެހިފަ" މިނިސްޓަރ ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ގްރެޖްއޭޝަންގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ މިއަދު ދެއްކެވިވާހަކަފުޅުގައި އުނގެނުމުގެ ޙަޤީޤީ މާނައަކީ އުޅުމަށް ބަދަލުއައުން ކަމަށާއި، ކަންކަމުގައި ދެކޭ ގޮތާއި، އަގުކުރާ ގޮތް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. އަދި ތަޢުލީމު ޙާޞިލްކުރުމުން އޭގެ ހެޔޮ ބަދަލު ފެންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ،މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ލިބިފައިވާ ޢިލްމުން ޢަމަލުނުކުރާ މީހާގެ މިސާލަކީ މޭވާ ނާޅާ ގަހެއްގެ މިސާލުކަމަށެވެ.

މިއަދު ގްރެޖްއޭޓްވި ދަރިވަރުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވީ ލިބުނު ޢިލްމުގެ އަލީގައި ދެ ދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށެވެ. ދުނިޔެ އާރާސްތުކުރުމަށެވެ. މުޖުތަމަޢުގެ އުފާފާގަތިކަމާއި، އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެހީތެރިވެދިނުމަށެވެ. ޖެހޭ ވަޔާ، ދަމާ އޮއިވަރާ، ފެންނަ މަންޒަރުތަކަށް ފިކުރު ހިންގައި، ވިސްނުމާއި ބުއްދީގެ ބޭނުންކޮށް ޤައުމުގެ ޙާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށެވެ.