އެމްއެންޑީއެފް އެފްއާރުއެސްއިން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ކުރިއަށް ގެންގޮސްފި
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ސްކޫލުގެ ދެ ދަންފަޅިއަށް މިއަދު ކުރިއަށްގެންދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލުކުރަން ޖެހޭނެ ގޮތްތައް ޢަމަލީގޮތުން ވަނީ ފަރިތަކޮށްފައެވެ. މިގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، ސްކޫލުގައި އެ ވަގުތު ތިބި ދަރިވަރުންނާއި ޓީޗަރުން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. އަދި އެ ފަދަ ހާދިސާއެއްގައި އަނިޔާވާ ފަރާތްތަކަށް ޞިއްޙީ ފުރަތަމައެހީ ދޭނެ ގޮތްތައް ވެސް ވަނީ ފަރިތަކޮށްފައެވެ. މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އެ ސްކޫލުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިވިއެވެ.
މިއަދު ހިންގި ފަޔަރ އިވެކުއޭޝަން ޑްރިލްގެ ކުރިން، އެމްއެންޑީއެފް އެފްއާރުއެސްއިން ވަނީ މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި ފަޔަރ އިވެކުއޭޝަން ޑްރިލް ކުރިއަށްގެންދިއުމަށް ހަދާފައިވާ ޕްލޭން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭ ކުލާސްތަކެއް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޓީޗަރުންނަށާއި އެހެނިހެން މުވައްޒަފުންނަށް ހިންގާފައެވެ.
ފަޔަރ އިވެކުއޭޝަން ޑްރިލްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މާލޭގެ ސްކޫލުތަކުގައި ހިންގާ ފަޔަރ އިވެކުއޭޝަން ޑްރިލްތަކަކީ ސްކޫލުތަކުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލުކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޑްރިލްތަކެކެވެ.