ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން އަދި ސިޓީ ކައުންސިލް ގުޅިގެން މާލޭގެ ޕާކިންގއަށް ހައްލު ހޯދުމަށް މަޝްވަރާކޮށްފި
މާލޭގެ ޕާކިންގ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ މަޤްޞަދުގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން، މާލޭ ސިޓީ ކައުންސިލްގެ އިސްވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތާ އެކު މުހިއްމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައެވެ.
މާލޭގެ ބޮޑުވެފައިވާ ޕާކިންގ މައްސަލަ ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، މިހާރު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ތަފްޞީލީ މަޝްވަރާތަކެއް ކުރެވިފައެވެ. މަޝްވަރާގައި މާލޭގެ މަގުތަކުގައި ޕާކިންގ މެނޭޖްކުރުމަށް މިހާރު ހުރި ނިޒާމުތަކާއި، އެ ނިޒާމުތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
މާލޭގެ ޓްރެފިކް މައްސަލަތަކާއި ޕާކިންގގެ ދަތިކަން ވަނީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވެފައެވެ. އަދި މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައެވެ. މި ބައްދަލުވުމަކީ، މާލޭގެ ޕާކިންގ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުގެ ތިން މުހިއްމު މުއައްސަސާއިން ގުޅިގެން މަސައްކަތްކުރުމަށް އަޅާފައިވާ މުހިއްމު ފިޔަވަޅެކެވެ.