7 ވަނަ "ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން ސަމިޓް 2025 "ގައި ވަޒީރު ޑރ. ޢަލީ ހައިދަރު ބައިވެރިވަޑައިގަންނަވައިފި
"ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން ސަމިޓް 2025: އެލައިނިންގ އެސަސްމަންޓް ޓު ފޯސްޓަރ ކްރިއޭޓިވް ތިންކިންގ އެންޑް އިމްޕްރޫވް ޓީޗިންގ އެންޑް ލަރނިންގ "ގެ ނަމުގައި ފްރާންސްގެ ޕެރިސްގައި ކުރިއަށްގެންދާ ކޮންފެރެންސްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙުމަދު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
ސެޕްޓެމްބަރ މަހުގެ 16 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ބައިނަލްއަޤްވާމީ ސަމިޓްގެ މައިގަނޑު މަޤްސަދަކީ އުފެއްދުންތެރި ވަޞީލަތްތައް ތަޢުލީމީ ދާއިރާގައި ބޭނުންކުރުމަށް ހިއްވަރުދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޢުލީމީ ތަޖުރިބާކާރު ބޭފުޅުންގެ މެދުގާއި ދާއިރާއާއި ގުޅޭ ޚިޔާލުފާޅުކޮށް މަޢޫލޫމާތު ޙިއްސާކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާއަށް ބައިނަލްއަޤްވާމީ ފެންވަރުގެ ކުރިއެރުން ހޯދައިދިނުމަށް އެކި ދަޢުލަތްތަކުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެވިގެންދާނެއެވެ.
މި ސަމިޓްގައި ދިވެހިރާއްޖެ ތަމްޞީލްކުރައްވައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙުމަދު ދެއްވި ޚިތާބުގައި ވިދާޅުވީ ދިވެހި ދަޢުލަތުން ދެއްވާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަތޮޅު ތެރޭގެ ރަށްރަށް ހިމެނޭހެން ކޮންމެ ކުއްޖަކަށް ވެސް ތަޢުލީމު ހާޞިލުކުރުމުގެ މަގުފަހިކޮށްދިނުމުގެ އިތުރުން މުދައްރިސުންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމާއި، ދިވެހިރާއްޖެއަށް މުހިއްމު ދާއިރާތަކުން ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުން ކަމަށެވެ.
