ކާބޯތަކެތި ވިއްކާ ފިހާރަތަކުގެ މާސް އިންސްޕެކްޝަނެއް މިމަހު ކުރިއަށް ގެންދަނީ!
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފު ތާހިރުކަން ކަށަވަރު ކުރުމަށް މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
ސެޕްޓަންބަރު މަހުގެ 21 ވަނަ ދަވަހުން ފެށިގެން ކުރިއަށް ގެންދާ މި އިންސްޕެކްޝަނުގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ބެލުމުގެ އިތުރަށް އެމްއެފްޑީއޭ ގައި ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެއެވެ. މި އިންސްޕެކްޝަން ކުރިއަށް ދާނީ މާލެ ސަރަހައްދުގައި ކަމުގައި އެ އޮތޯރިޓީ އިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މި އިންސްޕެކްޝަނުގައި އެމްއެފްޑީއޭގެ އިތުރުން، މާލެ ސިޓީ ކައުންސިލް އަދި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ބައިވެރިވާނެ ކަމަށް އެ އޮތޯރިޓީ އިން މަޢުލޫމާތު ދެއެވެ.
ޤާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން ކާބޯތަކެތި ވިއްކާ ފަރާތްތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގައި ރަޖިސްޓްރީ ކުރުމަކީ ލާޒިމުކަމެކެވެ. މި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ނުކޮށް ޚިދުމަތްދޭ ތަންތަން ބަންދުކުރުން އަދި މިފަދަ ތަންތަނުގެ މަޢުލޫމާތު އާންމުކުރުމުގެ އިޙްތިޔާރު މޯލްޑިވްސްް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ލިބިގެންވެ އެވެ.