logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 40 ވަނަ މާއްދާ

40. ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުން

(ހ) މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ޝަކުވާ ހުށަހަޅާނެ ގޮތާއި، ޝަކުވާ ބެލުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ޝަކުވާ ބެލުމަށްފަހުގައި އެކަމާ ގުޅިގެން އޮތޯރިޓީން ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ޤާނޫނުގެ ދަށުން ހުށަހަޅާ ޝަކުވާތައް އޮތޯރިޓީން ބަލައި ނިންމާނެ މުއްދަތެއް އެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ޝަކުވާ ހުށަހެޅޭނީ، އެ ޝަކުވާ ރައްދުވާ ޢަމަލު ހިނގާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހެޅޭ ޝަކުވާތައް ބެލުމުގެ ނިޒާމާއި ޝަކުވާ ބެލުމަށް އެކުލަވާލަންޖެހޭ ކޮމިޓީ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އޮތޯރިޓީން ޤާއިމުކޮށް، އެކުލަވާލަންވާނެއެވެ. އަދި އެކި ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމަށް ބޭނުންވާ އިންތިޒާމުތައް އޮތޯރިޓީގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ރ) އެއްވެސް ފަރާތަކުން ހުށަހަޅާ ޝަކުވާއަކާ ގުޅިގެން، އެ ޝަކުވާއެއްގައި އެއްވެސް އަސާސެއް ނެތް ކަމަށް، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ފެންނަނަމަ، އެ ޝަކުވާއަކާ ގުޅޭގޮތުން އޮތޯރިޓީން ނިންމި ގޮތާއި، އޭގެ ސަބަބުތައް، އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޝަކުވާ ހުށަހެޅި ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ.