logo
banner image
ޞިއްޙީ ވުޒާރާ

ސާރޖިކަލް ކޭމްޕް ރ.އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މިއަދު ފަށައިފި

އެކި ދާއިރާތަކުން ޚާއްސަ ދިވެހި ޑޮކްޓަރުންގެ ޓީމަކާއެކު އޮޕަރޭޝަންތަކަށް ޚާއްޞަ ކޭމްޕެއް ރ.އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މިއަދު ފަށައިފިއެވެ.

މި ކޭމްޕް ބާއްވަނީ މިނިސްޓްރީ އޮފް ހެލްތާއި މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްއާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއިގުޅިގެންނެވެ.

މިކޭމްޕް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކުރިއަށްދާނީ މިމަހު 6 އިން 8 އަށެވެ. މިކޭމްޕުގައި ތަޖުރިބާކާރު 8 ޑޮކްޓަރުން ބައިވެރިވެއެވެ. އެ ޑޮކްޓަރުންގެ ތެރޭގައި ޑރ. މުހައްމަދު ވަހީދު، ޑރ. އަބްދުﷲ އަދްސަރު، ޑރ. މުހައްމަދު ޝަރީފް، ޑރ. އަސްއަދު މުހައްމަދު ޝަހީދު، ޑރ. މުހައްމަދު ޝިފާން، ޑރ. އަލީ ނިޔާފް، ޑރ. އާއިޝަތު އަޒްނާ އަލީ އަދި ޑރ. އަބްދުﷲ އުބައިދު ހިމެނިވަޑައިގަންނަވައެވެ.

މިއަދު ފެށި މި ކޭމްޕުން ތަފާތު ބަލިތަކަށް ފަރުވާދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ފަރުވާކަފާލައިގެން (އޯޕަން) އަދި ލޯވަޅުއަޅައިގެން (ލެޕްރަސްކޯޕިކް) ކޮށް އޮޕަރޭޝަން ކުރުމާއި، ފަސޭހަނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާ ދިނުމާއި، ޕްލާސްޓިކް ސާޖަރީގެ ޚިދުމަތާއި، ކެންސަރުބަލީގެ އޮޕަރޭޝަންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ނާރުގެ ބަލިތަކުގެ އޮޕަރޭޝަން (ނިއުރޯ ސާޖަރީ)ގެ ޚިދުމަތް ހިމެނެއެވެ.

ބަލިތަކަށް ފަރުވާދިނުމަށް ޑޮކްޓަރުންގެ ޓީމުން އޯޕީޑީގައި ބެއްލެވުމާއި ސާޖަރީތައް ހެދުމުގެ އިތުރުން ހޮސްޕިޓަލުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ތަމްރީނުތައް ނަގައިދިނުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

މި ކޭމްޕް ފެށުމުގެ ކުރިން ނަން ނޯޓް ކުރަން ހުޅުވާލި ފުރުޞަތުގައި ގިނަބަޔަކު ނަންނޯޓްކޮށްފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.