އިސްރަށްވެހިންނަށް އަތްތެރި މަސައްކަތް ދަސްކޮށްދޭ ކްރާފްޓް ކްލާސް
އިސްރަށްވެހިންގެ ނާދީއާއި ދަ ގިފްޓް ބާސްކެޓް ގުޅިގެން، އިސްރަށްވެހިންނަށް އަތްތެރި މަސައްކަތް ދަސްކޮށްދޭ ކްރާފްޓް ކްލާހެއް ހިންގަން ފަށައިފިއެވެ.
މި ކުލާހުގައި އިސްރަށްވެހިންނަށް ފެލްޓް ބޭނުން ކޮށްގެން ކުދި ކުދި ކުޅޭ އެއްޗެހި ތައްޔާރުކުރުމަށް ދަސްކޮށްދެއެވެ. މަޖާ އުފާވެރި މާޙައުލެއްގައި އަތްތެރި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދެވޭ މި ކްލާސް ނަންގަވައިދެއްވަނީ ޔުމްނާ ރަޝީދެވެ.
މާލެ އިސްރަށްވެހިންގެ ނާދީގައި މި ކުލާސްތައް ކޮންމެ ބުރާސްފަތި ދުވަހެއްގެ މެންދުރު 14:00 އިން ހަވީރު 16:00 އަށް ކުރިއަށްދާނެއެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.