logo
banner image

މާމަކާފަ؛ އުފާވެރި މުޖުތަމައެއްގެ ބިންގާ

މިއަހަރުގެ ޤައުމީ މާމަ ކާފަ ދުވަހުގެ ޝިޢާރަކީ "މާމަ ކާފަ: އުފާވެރި މުޖުތަމަޢެއްގެ ބިންގާ" އެވެ. މި ޝިޢާރުން އަލިއަޅުވާލަނީ އަޅުގަނޑުމެންގެ މުޖުތަމަޢުއާއި ޢާއިލާތަކަށް މާމަ ކާފައިން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި އެ ބޭފުޅުންގެ މުހިންމު ދައުރަށެވެ.

މާމަ ކާފައިންނަކީ ޢާއިލާއެއްގެ އެންމެ އަސާސީ އެއް ބައެވެ. އެ ބޭފުޅުންނަކީ ޖީލުތައް ގުޅުވައިދޭ ރޫޙެކެވެ. އެ ބޭފުޅުންގެ ތަޖުރިބާގެ ބަސްތަކުން ދަރިންނާއި ކާފަދަރިންނަށް އިރުޝާދު ދެއްވައި، ދިރިއުޅުމުގެ ރިވެތި އާދަތަކާއި، އިސްލާމީ އަދި ދިވެހި ސަގާފީ ރިވެތި އާދަކާދަތައް ދަސްކޮށްދެއްވުމުގައި އުމުރުފުޅު ހޭދަކުރައްވާފައިވެއެވެ. ޢާއިލާގެ ތެރޭގައި ލޯބިވެތިކަމާއި އޯގާތެރިކަން އަދި އެއްބައިވަންތަކަން އާލާކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާ، އަޅުގަނޑުމެންނަކީ ޤާބިލު ދަރިންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް ގިނަގުނަ ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅުންނެވެ.

އެހެންކަމުން، އެ ބޭފުޅުންނަށް ލޯބިވެތިކަމާއި ޤަދަރު ދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އިޖުތިމާޢީ ވާޖިބެކެވެ. އެ ބޭފުޅުންނަށް އަޅާލައި، އެ ބޭފުޅުންގެ ބޭނުންތައް ފުއްދައިދިނުމަކީ އުފަލެއް ކަމުގައި ދެކެންޖެހެއެވެ. އެ ބޭފުޅުންގެ ޙިކުމަތާއި ތަޖުރިބާގެ ބޭނުން ހިފުމަކީ އަޅުގަނޑުމެންގެ ކުރިމަގު ބައްޓަން ކުރުމަށް ލިބޭނެ އަގުހުރި އެހީތެރިކަމެކެވެ.

ދިވެހިރާއްޖޭގެ އާބާދީއާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، އާބާދީގައި ދޮށީ އުމުރުގެ މީހުން ގިނަވަމުންދާ ދިއުމާއި، އެ ބޭފުޅުންގެ ޞިއްޙީ ޙާލަތަށް ރިޢާޔަތްކުރާއިރު، އެ ބޭފުޅުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެ ބޭފުޅުންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޢާއިލާއާއެކު އުޅުން މުހިންމެވެ. ގޭތެރޭގެ މާޙައުލުގައި ޢާއިލީ ވެއްޓެއްގެ ތެރެއިން، ޢާއިލީ ގުޅުންތައް ހަރުދަނާ މާޙައުލެއްގައި އުޅުމުގެ ފުރުޞަތު ފަހިވެފައި އޮތުން އެހާމެ މުހިންމުކަން ފާހަގަކުރެވެއެވެ.

މިކަމަށްޓަކައި، އަޅުގަނޑުމެންނަކީ ޢާއިލާތަކުގައި ތިއްބަވާ އަޅުގަނޑުމެންގެ މާމަ ކާފައިންނަށް އިޙްތިރާމްކުރާ، އެ ބޭފުޅުންނާއެކު ވަގުތު ހޭދަކުރާ، އެ ބޭފުޅުންނާ ލޯބިވެތިކަމާއެކު މުޢާމަލާތްކުރާ އަދި އެ ބޭފުޅުން ކަންކަމުގައި ޝާމިލުވެ އުޅުމަށް ހިތްވަރުދީ ބާރުއަޅާ ބަޔަކަށް ވާން ޖެހެއެވެ.

މާމަ ކާފައިން ނުވަތަ ޢާއިލާތަކުގައި ތިއްބަވާ އިސްރަށްވެހިން، މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވެ ކަންކަމުގައި ޝާމިލުވެގެން އުޅޭނަމަ، އޭގެ ހެޔޮ އަސަރު މުޅި މުޖުތަމަޢުން ފެނިގެންދާނެއެވެ.