އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ: ކޮންމެ ވުޒާރާއެއްގެވެސް ޒިންމާއެއް
އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ އަކީ މުއައްސަސާއެއް ނުވަތަ ޖަމްޢިއްޔާއެއްގެ ސިޔާސަތުތަކާއި އުސޫލުތައް އަދި ޕްރޮގްރާމްތައް މިންތީގެ ނަޒަރިއްޔާތަކުން ބަލައި ހުރިހާ ފެންވަރެއްގައިވެސް ހަމަހަމަކަން ކަށަވަރުކޮށް އެންމެން ޝާމިލުވާ ގޮތައް މަސައްކަތްތައް ބެހެއްޓުމެވެ.
ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ މެންޑޭޓް ހަވާލުވެފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ކަމުގައި ވީނަމަވެސް ބައިނަލްއަޤްވާމީ މުއާހަދާތަކާއި، ޤާނޫނު އަސާސީ އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ޤާނޫނުތަކާއި ސިޔާސަތުތައް ތަންފީޛުކުރުމަކީ ހުރިހާ މުއައްސަސާތަކަށާއި އިދާރާތަކުގެ މައްޗަށް އޮތް ޒިންމާއެކެވެ. އެއީ ހުރިހާ ދާއިރާއަކުން އަދި އެންމެހައި ވުޒާރާތަކާއި އޮފީސްތަކުން ކުރަންޖެހޭނެ ކަމެއްކަމުން، މިކަން ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެ އިދާރާއެއްގައި ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން އައްޔަނުކޮށް މި ވުޒާރާގެ ލަފަޔާއި އިރުޝާދުގެ ދަށުން އެއިދާރާއެއްގައި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ މަސައްކަތް އެންމެ އިސްކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މިފަރާތްތައް މެދުވެރިކޮށް ކުރުމަށް ވަނީ ރޭވިފައެވެ. މިގޮތުން، ކޮންމެ އިދާރާއެއްގެ ފަންނީ މުވައްޒަފަކާއި ޕޮލިސީ ލެވެލްގެ މުވައްޒަފެއް ހިމެނޭހެން ދެ ފަރާތެއް އައްޔަނުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހާ ދާއިރާތަކެއްގައި ޢަމަލުކުރުމަށް ކަނޑައަޅާ ސިޔާސަތުތަކާއި ގަވާއިދުތަކާއި މަޝްރޫޢުތަކުގައި ޖެންޑަރގެ ނަޒަރަކުން ބެލިފައިވާ މިންވަރު މޮނިޓަރކޮށް އަދާހަމަ ތަފާސްހިސާބުތައް ގެންގުޅުމަށް ވުޒާރާއިން ރާވާފައިވެއެވެ.
ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުންގެ ބައެއް ދައުރުތައް:
1. އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި ދެޖިންސަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި ގުޅޭ ޤާނޫނީ އޮނިގަނޑާއި ބައިނަލްއަޤްވާމީ އެއްބަސްވުންތައް، ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓް ތަމްސީލުކުރާ ދާއިރާއެއްގައި ތަންފީޛުކުރުމުގައި އިސް ދައުރެއް އަދާކުރުން. އަދި މި ވުޒާރާއިން މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތެއް ފޯރިކޮށްދިނުން.
2. ޕްރޮގްރާމްތައް ރާވައި، ހިންގުމުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ ޙަރަކާތްތައް ހިމެނުން، އަދި މިޕްރޮގްރާމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ ފަރާތްތަށް އިސްތިސްނާ ނުވާކަން ކަށަވަރުކޮށް، މިފަރާތްތަކުގެ ބޭނުންތަކަށް ރިޢާޔަތްކޮށް ޕްރޮގްރާމް ހިންގުން.
އަންހެނުން ބާރުވެރިކުރުމަކީ މުޅި މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމަށްޓަކައި ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި ހުރިހާ ފަރުދުންގެ ބައިވެރިވުމާއި އެއްބާރުލުން ބޭނުންވެއެވެ. މިގޮތުން މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލްއަކީ މި ތަސައްވަރު ޔަޤީންކުރުމުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރާ އަސާސެކެވެ.