logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 19 ވަނަ މާއްދާ

19. ހުއްދަ ދިނުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުން

(ހ) މި ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އަރބަން ސަރަޙައްދެއް ތަރައްޤީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާނަމަ، އެ ސަރަޙައްދުގައި ނުވަތަ އެ ސަރަޙައްދާ އިންވެގެން އޮތް ސަރަޙައްދެއްގައި ދިރިއުޅޭ މީހުންނާއި، އެ ސަރަޙައްދުގައި އެ ބައެއްގެ މަޞްލަޙަތެއް އޮތް އެންމެހައި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ހުޅުވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޚިޔާލު ހޯދުމަށް ހުޅުވާލާ ފުރުޞަތުގައި، ޢާންމުންގެ ޚިޔާލު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ. އަދި ސަރުކާރުގެ ފަރާތުން ތަރައްޤީގެ މަޝްރޫޢު ހިންގާ ފަރާތާއި އޮތޯރިޓީ ހިމެނޭ ގޮތުން، ހުޅުވާލެވިފައިވާ ފޯރަމެއްގައި، ކަމާގުޅޭ މަޝްވަރާތައް އެކަށީގެންވާ މިންވަރަކަށް ކުރިއަށްގެންދަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ޢާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދެވުނު ގޮތާއި، ޢާންމުންގެ ފަރާތުން ލިބުނު ޚިޔާލާއި މަޝްވަރާތައް އަދި އެކަންކަމާމެދު އޮތޯރިޓީން ނިންމި ގޮތްތައް ހިމަނައި، ކަމާގުޅޭ ރިޕޯޓެއް ތައްޔާރުކޮށް، ޢާންމުކުރަންވާނެއެވެ.