އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 18 ވަނަ މާއްދާ
18. ތަރައްޤީކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުން
(ހ) ތަރައްޤީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ހިމެނޭ އަންނަނިވި ކަންކަމާ ގުޅޭގޮތުން، އަންނަނިވި ފަރާތްތަކާ އޮތޯރިޓީން މަޝްވަރާކުރަންވާނެއެވެ.
(1) ތަރައްޤީކުރުމުގެ ހުށަހެޅުމާ ގުޅޭގޮތުން ޖުމްލަ ގޮތެއްގައި، މި ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ކޮމިޓީތައް ނުވަތަ ޕެނަލްތައް ނުވަތަ މަސައްކަތު ގްރޫޕްތައް؛
(2) ތަރައްޤީކުރުމުގެ ހުށަހެޅުމާ ގުޅޭގޮތުން ޖުމްލަ ގޮތެއްގައި، އެ ސަރަޙައްދެއް ނިސްބަތްވާ ސިޓީ ނުވަތަ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް؛
(3) ތަރައްޤީކުރުމުގެ ހުށަހެޅުމުގައި ހިމެނޭ ކޮންސްޓްރަކްޝަން ޕްލޭނާ ގުޅޭގޮތުން، ޢިމާރާތްކުރުމުގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ؛
(4) ތަރައްޤީކުރުމުގެ ހުށަހެޅުމުގައި ހިމެނޭ ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ އެސެސްމަންޓް ރިޕޯޓާ ގުޅޭގޮތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ؛
(5) ތަރައްޤީކުރުމުގެ ހުށަހެޅުމުގައި ހިމެނޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓާ ގުޅޭގޮތުން، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ؛
(6) ތަރައްޤީކުރުމުގެ ހުށަހެޅުމުގައި ހިމެނޭ އެނޫންވެސް ކަމަކާ ގުޅޭގޮތުން، ޚިޔާލު ހޯދަންޖެހޭކަމަށް މިނިސްޓްރީއަށް ފެންނަ އެނޫންވެސް ފަރާތްތައް.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މަޝްވަރާކުރަންޖެހޭ ފަރާތްތަކަށް، ތަރައްޤީކުރުމުގެ ހުށަހެޅުމާގުޅޭ މަޢުލޫމާތާއި ކަމާގުޅޭ އެންމެހައި ލިޔެކިޔުން ފޮނުވަންވާނެއެވެ. އަދި، އެފަދައިން ފޮނުވާ މަޢުލޫމާތާމެދު އެފަރާތުން ދެކޭގޮތް ހުށަހެޅުމަށް، އެ މަޢުލޫމާތު އެފަރާތަށް ފޮނުވާ ތާރީޚުން ފެށިގެން މަދުވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.