އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 17 ވަނަ މާއްދާ
17. ހުއްދައަށް އެދި ހުށަހެޅުން
(ހ) އަރބަން ސަރަޙައްދު ތަރައްޤީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، އަންނަނިވި މަޢުލޫމާތު ނުވަތަ ކަންކަން ހިމަނަންވާނެއެވެ.
(1) މި ޤާނޫނުގެ ތިންވަނަ ބާބުގެ ދަށުން އަރބަން ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދާއި، އެ ސަރަޙައްދުގެ ޒޯންތަކާއި ބޭނުންތައް؛
(2) އަރބަން ސަރަޙައްދުގެ ފާސްކޮށްފައިވާ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން؛
(3) ތަރައްޤީކުރުމުގެ މަސައްކަތްތަކާ ގުޅިގެން ހަދާފައިވާ ކޮންސްޓްރަކްޝަން ޕްލޭން؛
(4) އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު؛
(5) ސޯޝަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު؛
(6) އިކޮނޮމިކް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު؛
(7) ޓްރާންސްޕޯޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު؛
(8) ކްރިޓިކަލް އިންފްރާސްޓްރަކްޗަރ އެސެސްމަންޓް ރިޕޯޓު؛
(9) ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ އެސެސްމަންޓް ރިޕޯޓު؛
(10) ތަރައްޤީގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ކަނޑައަޅާފައިވާ ތާރީޚާއި، އެ މަސައްކަތް އެކުގައި ނިންމުމަށް އަދި އެ މަސައްކަތުގެ އެކި ބައިތައް ނުވަތަ ފިޔަވަހިތައް ނިންމުމަށް ހޭދަވާނެކަމަށް ލަފާކުރެވޭ މުއްދަތުތައް؛
(11) އެނޫންވެސް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން މަޢުލޫމާތާއި ލިޔެކިޔުން.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ޕްލޭނާއި ރިޕޯޓުތައް އެކުލަވާލުމާގުޅޭ އުސޫލުތަކާއި، އެ ލިޔެކިޔުންތަކުގައި ހުންނަންޖެހޭ އަސާސީ މަޢުލޫމާތާއި މިންގަނޑުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.