އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 14 ވަނަ މާއްދާ
14. އަރބަން ސަރަޙައްދު ޕްލޭންކުރުން
(ހ) ކޮންމެ އަރބަން ސަރަޙައްދަކަށް، އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް އެކުލަވާލައި ޢާންމުކުރަންވާނެއެވެ.
(ށ) އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލަންވާނީ ޤައުމީ ތަރައްޤީގެ ޕްލޭންގައި ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި، ބިނާވެށި ޕްލޭންކުރުމާއި ހިންގުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ނ) އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލާނީ އޮތޯރިޓީންނެވެ.
(ރ) މި ޤާނޫނުގެ ދަށުން ކަނޑައަޅާ އަރބަން ސަރަޙައްދުތަކަށް އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލާނީ، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން، ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތައް އެކުލަވާލުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި، އެފަދައިން އެކުލަވާލާ ޕްލޭންތަކުގައި ހުންނަންޖެހޭ ކަމުގައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަމާގުޅޭ މިންގަނޑުތައް ފުރިހަމަވާ ގޮތުގެމަތިންނެވެ.
(ބ) އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލަންވާނީ، މި ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ އަރބަން ސަރަޙައްދުތަކުގެ ޒޯންތަކާއި، ޒޯންތަކަށް ކަނޑައެޅިފައިވާ ބޭނުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ޅ) އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލުމަށްފަހުގައި، އެ ޕްލޭން ފާސްކުރުމަށްޓަކައި އޮތޯރިޓީން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭންތައް ފާސްކުރުމުގައި ޢަމަލުކުރެވޭނީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން، ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތައް ފާސްކުރުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ގޮތުގެމަތިން އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ފާސްކުރުމަށްފަހުގައި މެނުވީ އެ ޕްލޭނަށް ޢަމަލެއް ނުކުރެވޭނެއެވެ.
(އ) މި މާއްދާގެ ދަށުން އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލައި ފާސްކުރާ އަރބަން ސަރަޙައްދަކީ، އަރބަން ސަރަޙައްދެއްގެ ގޮތުގައި އެ ސަރަޙައްދު ކަނޑައެޅުމުގެ ކުރިން ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގެ ދަށުން އެ ސަރަޙައްދަކަށް ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލައި ފާސްކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާނަމަ، އެ އަރބަން ސަރަޙައްދަށް އެކުލަވާލައި ފާސްކުރާ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން މުރާޖަޢާކުރަންވާނެ