logo
banner image

ވެހިކަލް އެމިޝަން ޓެސްޓް ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ލޯފްސް އެކޯ ސްރީ ލިމިޓެޑާއި ދަތުރުފަތުރުގެ މިނިސްޓްރީގެ އިސްވެރިން ބައްދަލުކޮށްފި

ދިވެހިރާއްޖޭގައި ވެހިކަލް އެމިޝަން ޓެސްޓް ކުރުމާއި ފިޓްނަސް ޓެސްޓް ކުރުމުގެ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، ލޯފްސް އެކޯ ސްރީ ލިމިޓެޑްގެ އިސްވެރިންނާ ދަތުރުފަތުރުގެ މިނިސްޓްރީގެ އިސް އޮފިޝަލުން މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ލޯފްސް އެކޯ ސްރީ ލިމިޓެޑްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ރަވީ އެޑިރިސިންހަ އާއި ސަލިޔާ ދިއްސަނާޔަކައެވެ.

    މި ބައްދަލުވުމުގައި، ލޯފްސް އެކޯ ސްރީ ލިމިޓެޑްގެ ފަރާތުން ވަނީ ރާއްޖޭގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ވެހިކަލްތަކުގެ ދުން ބޭރުކުރާ މިންވަރާއި، އުޅަނދުތަކުގެ ފިޓްނަސް ބެލެހެއްޓުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި މަގުތަކުގެ ސަލާމަތަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށް ދެފަރާތުން ވެސް ފާހަގަކުރެއްވިއެވެ.

މި މިނިސްޓްރީގެ އިސް އޮފިޝަލުން ވަނީ މި ދާއިރާއިން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މިހާރުގެ ހާލަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި، ރާއްޖޭގެ މަގުތަކުގައި ދުއްވާ ވެހިކަލްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި މިފަދަ ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ލޯފްސް އެކޯ ސްރީ ލިމިޓެޑަކީ ވެހިކަލް އެމިޝަން ޓެސްޓް ކުރުމުގެ ދާއިރާއިން ފުޅާ ތަޖުރިބާއެއް ލިބިފައިވާ ކުންފުންޏެއް ކަމަށްވާއިރު، މި ބައްދަލުވުމުން ރާއްޖޭގެ ވެހިކަލްތަކުގެ ސަލާމަތާއި ތިމާވެށި ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކަށް މަގުފަހިވެގެންދާނެއެވެ.