މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ނޭޝަނަލް ސެޓުފިކެޓު ދިނުމުގައި ޢަމަލުކުރާނެ އުޞޫލު ޝާއިޢުކޮށްފި
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ތަމްރީނުދޭ މަރުކަޒުތަކުން ނޭޝަނަލް ކޮމްޕީޓެންސީ ސްޓެންޑަރޑްތަކުގައި ބަޔާން ކުރާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިން، ހުނަރު ހާސިލުވެފައިވާ މިންވަރު ދެނެގަތުމުގެ އިމްތިޙާނުތައް ކުރިއަށް ގެންދިޔުމާއި، ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް ސެޓުފިކެޓު ދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން "ނޭޝަނަލް ސެޓުފިކެޓު ދިނުމުގައި އަމަލުކުރާނެ އުސޫލު" ގެޒެޓްކޮށްފިއެވެ.
މި އުޞޫލުގެ މަޤްޞަދަކީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވާ ފަރާތްތައް އިމްތިޙާނުކޮށް، ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް ނޭޝަނަލް ސެޓުފިކެޓު ދިނުމުގައި ޢަމަލުކުރާނެ މިންގަނޑެއް އެކަށައެޅުމުގެ އިތުރުން، ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ޕްރޮގްރާމް ހިންގުމަށް އެ އޮތޯރިޓީގައި ރަޖިސްޓަރީ ވެފައިވާ ތަމްރީނުދޭ މަރުކަޒުތައް ޒިންމާދާރުކުރުވުމެވެ. މި އުޞޫލުގައި ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓުގައި ބައިވެރިވެވޭނެ ފަރާތްތަކާއި، އެސެސަރުންގެ ކިބައިގައި ހުންނަށްޖެހޭނެ ޝަރުތުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ކޮމްޕީޓެންސީ އެސެސްމަންޓުގެ ބައިވެރިން އެސެސްކުރުމުގެ ޚިދުމަތްތަކަށް ނަގާނެ ފީ ކަނޑައަޅައި އެ ފީތައް ވަނީ އާންމުކޮށްފައެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއާއި ދުޅަހެޔޮ އިޤްތިޞާދަކަށް ބޭނުންވާ ހުނަރުވެރި ވަޒީފާގެ ބާޒާރެއް އުފެއްދުމަށްޓަކައި، ފަންނީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތަށް ޢަމަލުކުރުމުގެ މަޤްޞަދުގައި ޝާއިޢުކުރެވުނު، "ނޭޝަނަލް ސެޓްފިކެޓް ދިނުމުގައި ޢަމަލުކުރާނެ އުޞޫލު" ގެ ދަށުން މަސައްކަތްތެރިކަމާއި ގުޅޭ ތަޢުލީމާއި ތަމްރީނު ހަރުދަނާކުރުމުގެ މަގުފަހިވެގެންދާނެއެވެ.