ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފަށްޓަވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ހދ. ކުމުންދޫގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި، އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢުގެ ސަބަބުން ކުމުންދޫ ރައްޔިތުންނަށް ސާފު ބޯފެނާއި، ފެންވަރު ރަނގަޅު ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިގެންދާނެއެވެ.

ކުމުންދޫގައި ޤާއިމުކޮށްފައިވާ މި ފެނާއި ނަރުދަމާ ނިޒާމަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ) އާއި ޙަވާލުކޮށްގެން ނިންމާފައިވާ މުހިންމު މަޝްރޫޢެކެވެ. ރައްޔިތުންނަށް ދިގު މުއްދަތަކަށް ފައިދާކުރާނެ ގޮތަކަށް ފަރުމާކޮށްފައިވާ މި ނިޒާމުގެ މަސައްކަތް ނިންމާލެވިފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ.

މި ޚިދުމަތްތައް ޤާއިމުވުމާއެކު، ކުމުންދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ސާފުތާހިރުކަމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އަތޮޅުގެ އެހެން ރަށްތަކަށް ވެސް ވަނީ ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
