logo
banner image

ހދ. ކުޅުދުއްފުށީގެ 400 ހައުސިންގ ޔުނިޓުގެ މަޝްރޫޢު އަލުން ފަށައި، 2000 ޔުނިޓުގެ އައު މަޝްރޫޢު ފެށުމަށް އެޗް.ޑީ.ސީ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ހދ. ކުޅުދުއްފުށީގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި، އެ ރަށުގައި ހުއްޓިފައިހުރި 400 ހައުސިންގ ޔުނިޓުގެ މަޝްރޫޢު އަލުން ފެށުމަށާއި، އަލަށް 2000 ހައުސިންގ ޔުނިޓު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހެއިރުއެވެ. މި މުހިންމު ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންނާއި މުހާތަބުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

މި މަޝްރޫޢުގެ ދަށުން، ކުރިން ހުއްޓިފައިހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަލުން ފަށައި، ފުރިހަމަ ކުރެވޭނެއެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޭނުންވާ ގޮތަށް 2000 ހައުސިންގ ޔުނިޓު އަލަށް އެޅުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ފެށިގެންދާނެއެވެ. ކުޅުދުއްފުށްޓަކީ އާބާދީ ބޮޑުވެ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު ރަށެއްކަމުން، މި ދެ މަޝްރޫޢަކީވެސް އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ކުޅުދުއްފުށީގެ އިޤްތިޞާދަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.