logo
banner image

ހދ. މަކުނުދޫ ބިންހިއްކުމާއި، އެއާޕޯޓް އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ އާއެކު ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ހދ. މަކުނުދޫގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި، އެ ރަށުގެ ބިން ހިއްކުމާއި، އެއާޕޯޓް އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިންގ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމާއެކު މަކުނުދޫގައި ތަރައްޤީގެ އާ ފެށުމެއް އަންނާނެކަމަށް ބެލެވެއެވެ.

މި މުހިންމު އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާނެ އެމް.ޓީ.ސީ.ސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.

މަކުނުދޫގެ ތަރައްޤީއަށް ހިންގާ މި މަޝްރޫޢުގެ ދަށުން، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް އެއާޕޯޓްގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަކީ، ރަށަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެ، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް ސަރުކާރުން ބައްލަވައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް ކުރައްވާ މަސައްކަތްޕުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.