ހދ. މަކުނުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އާރް. ޑީ. ސީ އާއެކު ސޮއިކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ހދ. މަކުނުދޫގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢެއްގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް. ޑީ. ސީ) އާއެކު ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ ސަބަބުން މަކުނުދޫ ރައްޔިތުން ދިގު މުއްދަތަށް ކުރަމުން އައި އިންތިޒާރުތަކަށް ނިމުމެއް އައިސް އިތުރު ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރް. ޑީ. ސީ) ގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމް އެވެ.

މި މަޝްރޫޢަކީ ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
