ހދ. ނޮޅިވަރަމު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ އާއެކު ސޮއިކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ހދ. ނޮޅިވަރަމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ. މި މަޝްރޫއުތަކަކީ ނޮޅިވަރަމުގެ ތަރައްޤީއާއި ރައްކާތެރިކަމަށް ވަރަށް މުހިންމު ދެ މަޝްރޫއުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދެމިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި މި މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކުރެވުނު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ (އެމް.ޓީ.ސީ.ސީ) ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.

މި ދެ މަޝްރޫޢަކީ ނޮޅިވަރަމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ހުރަސް އަޅާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން އިސްކަންދެއްވާ މަޝްރޫއުތަކެކެވެ. ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ސަބަބުން ރަށުގެ ދަތުރުފަތުރާއި ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވޭއިރު، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ހިމާޔަތްވެ، ރަށް ގިރުމުގެ ބިރުވެރިކަމުން ސަލާމަތްވެގެންދާނެއެވެ.
