މައްސަލަ ނިމުނުގޮތުގެ ރިޕޯޓު އެކުލަވާލުން
71.
(ހ)މައްސަލައެއް ތަޙްޤީޤުކޮށް ނިމުމުން، އެއީ މުޅި ކައުންސިލުން ބެލި މައްސަލައެއް ކަމުގައި ވީނަމަވެސް، ނުވަތަ ތަޙްޤީޤު ކޮމިޓީއަކުން ބެލި މައްސަލައެއް ކަމުގައި ވީނަމަވެސް، ކައުންސިލުން ނިންމި ނިންމުމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލަންވާނެއެވެ.
(ށ)މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި ތިރީގައި ބަޔާންކޮށްފައިވާ ބައިތައް ފުރިހަމަވާންވާނެއެވެ.
(1)ހުށަހެޅުނު މައްސަލައަކީ ކޮބައިކަން؛
(2)މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަޔާން؛
(3)ކައުންސިލުން ރިޢާޔަތްކުރި ހެކި؛
(4)މައްސަލައިގައި ކަންހިނގައިދިޔަ ގޮތް ކަމަށް ކައުންސިލަށް ފެނުނު ގޮތް؛
(5)ކައުންސިލަށް ފާހަގަކުރެވުނު އިތުރު ނުކުތާތައް؛
(6)ކައުންސިލްގެ ނިންމުން.
(ނ)ކައުންސިލުން ބަލާ މައްސަލަތައް ނިމުމަށްފަހު، ތަޙްޤީޤު މަރުޙަލާގެ ރެކޯޑުތަކާއި ބަޔާންތަކާއެކު، ކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ރައްކާކޮށް، އެ ކައުންސިލެއްގެ ރަޖިސްޓްރާރ ބަލަހައްޓަންވާނެއެވެ.
(ރ)މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގެ ކޮޕީއެއް، މައްސަލަ ހުށަހެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތަށް ދޭންވާނެއެވެ.
މައްސަލަ ބެލުމުގެ އިޖުރާއާތު ގަވާއިދުގައި ކަނޑައެޅުން
72.
ކައުންސިލްތަކުން މައްސަލަ ބެލުމުގައި ޢަމަލުކުރާނެ ތަފްޞީލު އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލްތަކުން ކަނޑައަޅަންވާނެއެވެ.
ކައުންސިލްގެ ނިންމުން އިސްތިއުނާފުކުރުން
73.
މި ޤާނޫނުގެ ދަށުން ކައުންސިލަކަށް ހުށަހެޅޭ މައްސަލައެއް އެ ކައުންސިލަކުން ބެލުމަށްފަހު އެ މައްސަލައިގައި ހިމެނޭ ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ނުވަތަ ފިޔަވަޅު ނޭޅުމަށް ކައުންސިލުން ނިންމާ ނިންމުމަކާ ގުޅިގެން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް އަތުވެއްޖެކަމަށް ފެނިއްޖެނަމަ، ނުވަތަ ކައުންސިލުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިއްޖެނަމަ، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން