ކައުންސިލްތަކަށް ހުށަހެޅޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތް
64.
ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ބަލާނީ މުޅި ކައުންސިލުން ނުވަތަ އެ މައްސަލައެއް ބެލުމަށްޓަކައި ކައުންސިލުން އެކުލަވާލާ ތަޙްޤީޤު ކޮމިޓީއަކުންނެވެ. ކައުންސިލްތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރަންވާނީ އަންނަނިވި އުސޫލުންނެވެ.
(ހ)ކައުންސިލަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައެއް ބަލާނީ މުޅި ކައުންސިލުންތޯ ނުވަތަ މި ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލުން އެކުލަވާލާ ތަޙްޤީޤު ކޮމިޓީއަކުންތޯ ކަނޑައެޅުން؛
(ށ)އެ މައްސަލައެއް ބަލާނީ ތަޙްޤީޤު ކޮމިޓީއަކުން ކަމުގައިވާނަމަ، ކޮމިޓީއާ މައްސަލަ ޙަވާލުކުރުމަށްފަހު ކޮމިޓީން މައްސަލަ ބަލައި ނިމުމުން، ކޮމިޓީއަށް ފާހަގަކުރެވުނު ނުކުތާތަކާއި މައްސަލައިގައި ޢަމަލުކުރަން ފެންނަ ގޮތަކާއެކު، ކައުންސިލަށް ހުށަހެޅުން؛
(ނ)ކޮމިޓީއަށް ފާހަގަކުރެވުނު ނުކުތާތަކުގެ އަލީގައި މައްސަލައާ ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން؛
(ރ)އެ މައްސަލައެއް ބަލަނީ މުޅި ކައުންސިލުން ކަމުގައިވާނަމަ، ކައުންސިލުން އެ މައްސަލަ ބަލައި، ކައުންސިލަށް ފެންނަ ގޮތެއް ނިންމުން؛
(ބ)މައްސަލައެއް ބަލައި ނިމުމުން، ކޮމިޓީއަށް އަދި/ނުވަތަ ކައުންސިލަށް ފާހަގަކުރެވުނު ނުކުތާތަކާއި ކައުންސިލްގެ ނިންމުން ހިމެނޭ ގޮތުން، އެ މައްސަލައިގެ ރިޕޯޓެއް އެކުލަވާލުން.