ކުރިނބީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ނިމުމުން 24 ގަޑިއިރު ޚިދުމަތް ދެވޭނެ- ރައީސް
ކުރިނބީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ނިމުމުން ސައުވީސް ގަޑިއިރަށް ޚިދުމަތް ދެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު ވަނީ ހދ. ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރައްވާފައެވެ. މި އިމާރާތާއި އެކު ޞިއްހީ މަރުކަޒުން އިތުރު ޚިދުމަތް ދެވޭގޮތަށް ޖާގަ ފުރިހަމަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެގޮތުން އިތުރު ވޯޑުތަކާއި، ލެބޯޓްރީ އަދި ޕަބްލިކް ހެލްތު ޔުނިޓްފަދަ ޚިދުމަތް އިތުރުވެގެންދާނެ ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިންވެސް 16 ގަޑިއިރަށް ޚިދުމަތް އިތުރުކުރުމަށް، ބޭނުންވާ މުވައްޒަފުން ހޯދައި މިއަހަރު އެ ޚިދުމަތްދެވޭތޯ މަސައްކަތް ކުރައްވާނެކަމަށެވެ.