ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 2025 އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސެޝަނެއް ބާއްވައިފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 2025 އާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް އެ ވުޒާރާގެ ފަރާތުން ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަންގައި، މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ސްކޮލަރޝިޕް ސެކްޝަން، ބަޖެޓް ސެކްޝަން އަދި މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ދަށުން ސްކޮލަރޝިޕަށް ހޮވިފައިވާ ދަރިވަރުންނާއި ގުޅޭ މަސައްކަތްތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އުޞޫލުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައިފައެވެ. އެގޮތުން، ދަރިވަރުންގެ ސްޓައިޕެންޓް، ބުކް އެލަވަންސް، ޑިޕަރޗަރ އެލަވަންސް، ހޭންޑް އޯވަރ އެލަވަންސް ފަދަ މުހިއްމު ކަންކަމާއި ގުޅޭގޮތުން ދަރިވަރުންނާއި ވަނީ މަޢުލުމާތު ހިއްސާކުރެވިފައެވެ. މީގެ އިތުރުން، މި ސެޝަން ނިންމާލުމުގެ ކުރިން ދަރިވަރުންގެ މެދުގައި އުފެދިފައިވާ ސުވާލުތައް ހިއްސާކުރުމަށް ހުޅުވާލައި، އެ ސުވާލުތަކަށް ވަނީ ޖަވާބު ދެވިފައެވެ.
މިނިސްޓްރީގެ މަސައްކަތްތަކާއި އުޞޫލުތަކާއިމެދު ދަރިވަރުން ހޭލުންތެރިކުރުވުމަށް ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ބޭރުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންނަށް އެތަށް ލުއި ފަސޭހައެއް ލިބިގެންދާނެއެވެ. އެގޮތުން، ދަރިވަރުންގެ ފަރާތުން ހުށަހަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމާއި، މިނިސްޓްރީއާއި ދަރިވަރުންނާއި ދެމެދު ހިނގާ އެހެނިހެން މުޢާމަލާތްތަކުގައި ދަރިވަރުންނަށް ފަސޭހަވެގެންދާނެއެވެ.