logo
banner image

އއ. ހިމަންދޫ ބަނދަރު ނެރު ހެދުމުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ އާއެކު ސޮއިކޮށްފި

އއ. ހިމަންދޫ ބަނދަރު ނެރު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ޢަބްދުލް ރަޙްމާން ޔޫސުފް އެވެ. މި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. މި މަޝްރޫޢަކީ އއ. ހިމަންދޫގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިން އިތުރު ފަސޭހަތަކެއް ގެނެސްދީ، ބަނދަރުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް ބޭނުންވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ހިމަންދޫ ބަނދަރުގެ ނެރު ހެދި، އާރޯކުރެވިގެންދާއިރު، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ބަނދަރުގެ ނެރު ހެދުމުގެ ސަބަބުން، ދޯނިފަހަރަށް ބަނދަރަށް ވަދެ ނިކުތުމުގައި ކުރިމަތިވާ ދަތިތައް ހައްލުވެ، ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެއެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.