logo
banner image
ޞިއްޙީ ވުޒާރާ

ނެއްލައިދޫ ޞިއްޙީ މަރުކަޒު ތަރައްޤީކުރަމަށް އަމާޒުހިފާފައިވަނީ 24 ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް- ރައީސް

ނެއްލައިދޫ ޞިއްޙީ މަރުކަޒު ތަރައްޤީކުރަމަށް އަމާޒުހިފާފައިވަނީ ސައުވީސް ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ނެއްލައިދޫއަށް ޒިޔާރަތްކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނެއްލައިދޫގެ ތަރައްޤީއަށް މުހިންމު ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ރަށުގެ ޞިއްޙީ މަރުކަޒަށް ބޭނުންވާ ޖާގައިތުރުކޮށް ޚިދުމަތް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫޢުގެ ތެރެއިން ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ސައުވީސް ގަޑިއިރަށް ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން އިތުކޮށްދިނުމުގެ މަސައްކަތްވެސް މިއަހަރާއި އަންނައަހަރު ކޮށްދެއްވާނެކަމަށެވެ.