logo
banner image

"ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފެރެންސް 2025" ގައި ޑެޕިއުޓީ މިނިސްޓަރ ނަދާ ޚިތާބުދެއްވަވައިފި

"ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފެރެންސް 2025"ގެ ނަމުގައި ޗައިނާގައި ކުރިއަށްދިޔަ ކޮންފެރެންސްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ނަދާ މުޙައްމަދު ވަނީ ޚިތާބުދެއްވަފައިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވާ މި ކޮންފެރެންސްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ނަދާ މުޙައްމަދު ވަނީ ދިވެހިރާއްޖެ ތަމްޞީލުކުރައްވައި ޙިތާބުދެއްވަވައިފައެވެ.

ޑެޕިއުޓީ މިނިސްޓަރ، ނަދާ ޚިތާބު ދެއްވަވާފައިވަނީ "ޑިޖިޓަލް ސްޓްރެޓެޖީޒް ފޮރ އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް އިން ސްކޫލްސް އެންޑް ރީޖަންސް"ގެ މަޢުލޫއަށެވެ. ޒަމާނީ ޑިޖިޓަލް ވަޞީލަތްތަކުގެ އެހީގައި، ހުރިހާ ފަރުދުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމަށް ދިވެހި ދަޢުލަތުން ދެއްވާ އަހަމިއްޔަތުގެ މައްޗަށް އެކަމަނާގެ ޚިތާބުގައި ވަނީ އަލިއަޅުވާލައްވައިފައެވެ. އެގޮތުން، ވެރިރަށް މާލެއާއި އަތޮޅުތެރޭގެ ރަށްރަށް ޑިޖިޓަލް ވަޞީލަތްތަކުގެ އެހީގައި ގުޅުވާލައި، ހުރިހާ ދަރިވަރުންނަށް އެ ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ދިވެހި ދަޢުލަތުން ޚާއްސަ އިސްކަމެއް ދެއްވަވާކަން އެކަމަނާ ވަނީ ފާހަގަކުރައްވައިފައެވެ.

"ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފެރެންސް 2025" ފަދަ ބައިނަލްއަޤްވާމީ ކޮންފެރެންސްތަކުގައި ދިވެހިރާއްޖެ އިން ބައިވެރިވެ، ދަޢުލަތުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަށް ޙިއްސާކުރުމުގެ ސަބަބުން، ބޭރުގެ އެކި ޤައުމުތަކުގެ އެހީއާއި އެއްބާރުލުމާއެކު ދިވެހިރާއްޖެއަށް ތަރައްޤީއާއި ކުރިއެރުން ލިބިގެންދިޔުމުގެ މަގުފަހިވެގެންދާނެއެވެ.