logo
banner image
ދިފާޢީ ވުޒާރާ

އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ނެރެފި

ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ "ޤައުމީ ލަވަ އަލްބަމް" މިއަދު ނެރެފިއެވެ.

ހަތް ލަވަ ހިމެނޭ މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަކޮށްފައިވަނީ "ޤައުމުގެ ދިފާޢުގައި" މި ތީމަށެވެ. މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިންނެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި ފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާ ފަދަ ޅެންތަކާއި ރާގުތައް ހިމެނެއެވެ. މި ފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވައިދެއްވި ބޭފުޅުންނާއި، އެބޭފުޅުން ހައްދަވައިދެއްވައިފައިވާ ޅެންތަކަކީ، އޮނަރަބަލް އާދަމް ނަޞީރު އިބްރާހީމް " މި ޤައުމަށް ޚިދުމަތްކުރުމޭ އަރާމަކީ"، ކާނަލް ޙުސައިން ޢަލީ "ސިފައިންގެ މީހެއްގެ ޝުޢޫރު"، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު "ޤައުމުގެ ދިފާޢުގައި"، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު "ޤައުމީ ޚިދުމަތުގައި ކުރިއަށް"، އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) "ޖާނުދޭނީ ޤައުމަށް ޓަކައި"، އަލްފާޟިލާ ރަޝީދާ އިބްރާހީމް "ޤައުމު ދިފާޢު ކުރާނަމެވެ "، އަދި ޕްރައިވެޓް މުޙައްމަދު މާޙިދު "ސިފައިން"އެވެ.

މި އަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ކޯޕްރަލް ޙަސަން ޝާމިލް މުޙައްމަދު ދީދީ، ޕްރައިވެޓް މުޙައްމަދު މާޙިދު، އަދި އަލްފާޟިލް ޙުސައިން ޝިފާން ހިމެނެއެވެ.

އަލްބަމްގައި ހިމެނޭ ލަވަތަކުގެ މިޔުޒިކް ތައްޔާރުކޮށްފައި ވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ތައްޔާރުކޮށް އެޑިޓްކޮށްފައިވަނީ، ވޮރަންޓް އޮފިސަރ 3 އިބްރާހީމް އަޙްމަދު އަދި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިންނެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް ވަނީ އަޕްލޯޑު ކުރެވިފައެވެ. އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ. އެމްއެންޑީއެފުން ނެރޭ ޤައުމީ ލަވަތަކަކީ، އާންމުންގެ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ ލަވަތަކެކެވެ.

ޔޫޓިއުބް ޗެނަލުން ލަވަތައް ބެއްލެވުމަށް:

https://www.youtube.com/playlist?list=PLN6PRPmTwTccs5JqluzIXA1z6904LDWsL

އެމްއެންޑީއެފް ވެބްސައިޓުން ލަވަތައް ބެއްލެވުމަށް:

https://mndf.gov.mv/mndf/en/album-show.php?album=26