ޤައުމީ ދުވަހަކީ އުންމީދުގެ ދުވަސް، "ވަޒީރު އާދަމް ނަޞީރު އިބްރާހީމް"
ޤައުމީދުވަހަކީ އުންމީދުގެ ދުވަސްކަމަށާއި ނާއުންމީދާއި ދުރުވަންވީދުވަސް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ ޤައުމު އަޅުވެތިވީ ވަގުތު އެ އަޅުވެތިކުރީ ކިހާވަރެއްގެ ބޮޑު ބާރެއްތޯ އެ ބާރާކުރިމަތިލެވިދާނެތޯ އުތީމު ތިންބޭން ނުބައްލަވާ ކަމަށެވެ. ނުވަތަ އެ ކަން ބެއްލެވިކަމުގައި ވިޔަސް، އެ ގޮތަށް ވިސްނުންފުޅު ބަހައްޓަވައި ފަސްޖެހިވަޑައިނުގަންނަވާކަމަށެވެ.
އޭގެ ބަދަލުގައި އިސްކުރެއްވީ މާތް الله އަށް އޮންނަ އިތުބާރެވެ. ހިތްޕުޅުގެ ވަރުގަދަ އީމާނެވެ. ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި އަދާކުރައްވަން ޖެހުނު ޒިންމާއާއި ޤައުމީ ވާޖިބެވެ. އެ ކަމަށް ޓަކައި ދެއްކެވީ ނުގުޑާނެ ޢަޒުމާއި ޙިކުމަތު ޢަމަލީއެވެ.
15 އަހަރު ވީ އިރުވެސް މާޔޫސްކަމެއްނެތެވެ. ހިތްވަރާއި ޢަޒުމާއި އިޚްލާޞްތެރިކަމާއެކު ދިގުމުއްދަތަކަށް ދެމިތިއްބެވުމުގެ ނަތީޖާއަކީ އެންމެ ފަހުން މާތް الله އެ އަބްޠާލުންނަށް ނަޞްރުދެއްވުމެވެ. ދިވެހީންނަށް މިނިވަންކަމުގެ އުފާލިބުމެވެ.
މި ގޮތުން ކަޅުއޮށްފުންމި ބެންނެވުމުގައްޔާއި، ޖިހާދުގެ އެކި މަރުޙަލާތަކުގައި ބޮޑުތަކުރުފާނު ކަންކަން ކުރެއްވި ހަރުދަނާ ގޮތްކޮޅުތަކުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް ވަޒީރު ބައްލަވާލެއްވިއެވެ.