logo
banner image

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ދިވެހި ޤައުމިއްޔަތު އިންސްޓިޓިއު ހިމެނޭ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، 'ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް' އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމުގައިވާ ޤައުމިއްޔަތު އިންސްޓިޓިއުޓު ހިމެނޭ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، 'ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް' އާ ހަވާލުކުރުމަށް އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރު އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަސްބާހް އަލީ ނަސީރު އެވެ. އަދި ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޢީމް އަދި ސީއީއޯ ފަހިޔަސް ޕަންގަޓްގެ އިތުރުން ސީއޯއޯ އަލީ ނާހިޒެވެ.

ސަރުކާރުގެ ބޭނުމަށް ޚާއްޞަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްޤީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯރލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް 'މެންހަޓަން ގްރޭންޑ ހޮޓެލް' ގެ ނަމުގައި އެތަން ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކުއެވެ. މި މަޝްރޫޢަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ 'ޑީޕް ސީފުޑް ކޮމްޕެނީ' އިންނެވެ.

ހުޅުމާލޭގައި ތަރައްޤީކުރެވޭ މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ޚާއްޞަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ދިވެހި ޤައުމިއްޔަތު އިންސްޓިޓިއުގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި، އެމްއެންޔޫ މެޑިކަލް ކޮލެޖް ވެސް ތަރައްޤީ ކުރާނެއެވެ. މިތަންތަން ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 06 މަސް ދުވަހުގެ ތެރޭގައެވެ.

އަދި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ފެންވަރުގެ 158 ކޮޓަރި ތަރައްޤީކޮށް، މަސައްކަތް ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރީންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްޤިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީކުރާ މަތީ ފެންވަރުގެ ހޮޓަލެކެވެ.