ޠަބީޢީ ތަރިކައާއި، ދިވެހި ބޭސްވެރިކަމުގެ ގަސްގަހާގެހި އާލާކުރަނީ
ދިވެހިރާއްޖޭގެ ޠަބީޢީ ތަރިކައިގެތެރޭގައި ހިމެނޭ ގަސްގަހާގެއްސާއި، ދިވެހިބޭހަށް ބޭނުންކުރާ ގަސްގަހާގެއްސާއި ފަތްޕިލާވެލި ދިރުވާ އާލާކުރުމުގެ މަޝްރޫޢެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށްޓަވައިފިއެވެ. ދިވެހި ބޭސްވެރީންގެ ޖަމިއްޔާގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރިޔަށް ގެންދެވޭ މި މަސައްކަތުގައި އިއްޔެ ދިވެހި ބޭސްވެރީންގެ ޖަމިއްޔާއިން ވަނީ ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ އެކި ބާވަތްތަކުން 100 ގަސް ވުޒާރާގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ހަދިޔާކުރައްވާފައެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރު އޮފީހުގައި އިއްޔެ އޮތް މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަަމްް ނަޞީރު އިބްރާހީމާއި އެ ވުޒާރާގެ އިސް މަސްއޫލުވެރީން ބައިވެރިވެވަޑައިގަތެވެ. އަދި ދިވެހި ބޭސްވެރީންގެ ޖަމިއްޔާގެ ރައީސް މުޙައްމަދު އަޙްމަދާއި އެ ޖަމިއްޔާގެ ނައިބު ރައީސް އިބްރާހީމް ސަލީމާއި އެހެނިހެން މަސްއޫލުވެރީން ބައިވެރިވެވަޑައިގަތެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ދިވެހި ބޭސްވެރީންގެ ޖަމިއްޔާއިން ހަދިޔާކުރެއްވި މި ގަސްތައް އިންދޭނީ މި އަހަރު ޤައުމީ ދުވަހު ހއ. އުތީމުގައެވެ. އޭގެ އިތުރަށް އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ވުޒާރާގެ ފަރާތުން ތަރައްޤީކުރަމުން ގެންދަވާ ވާހަކަވަލުގައި 300 ކަނދުގަސް ވެސް އިންދޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ދިވެހި ޙަޟާރަތުގެ އަސާސީ ރުކުނެއް ކަމަށެވެ. ތާރީޚުން އެނގޭ ގޮތުގައި އެކިއެކި ޞިއްޙީ މައްސަލަތަކަށް ދިވެހި ބޭސްވެރީން އިތުބާރާއެކު ފަރުވާކުރައްވައި ނަތީޖާ ނެރުއްވާފައި ވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަކިން ޚާއްޞަ ރުުއްގަލު ބޭހަކީ ދިވެހީން ވަރަށް ޔަގީން ކަމާއެކު އެ ފަރުވާ ހޯދާ، ނަތީޖާ ރަނގަޅު ބޭސްވެރިކަމެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދިވެހި ބޭހުގެ މައިގަނޑު ބިނާވެފައި އޮންނަނީ ފަތްޕިލާވެއްޔާއި ގަސްގަހާގެހީގެ ކަމަށްކަމަށް ވާތީއާއި، އެ ތަކެއްޗަކީ ދިވެހިވަންތަކަމުގެ ބަަޔަކަށް ވާތީ، މި މަޝްރޫޢަކީ ދިވެހި ބޭސްވެރިކަމުގެ މައިދާނަށް ގެނެވޭ އިތުރު އާރޯކަމަކާއި ފެހިކަމެކެވެ. މީގެ ސަބަބުން ދިރިގެންދާނީ މި ގަސްތައް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި މި ކަންކަން ވެސް ދިރިގެން ދާނެއެވެ. އަދި ދިވެހި ނަންތައް ވެސް ދިރި އާލާވެގެންދާނެއެވެ.
ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ފަރާތުން ވާހަކަފުޅުދެއްކެވި އެ ޖަމުޢިއްޔާގެ ނައިބު ރައީސް އިބްރާހީމް ސަލީމް ހާމަކުރެއްވިގޮތުގައި، ދިވެހިރާއްޖޭގައި ބޭސްވެރިކަމުގެ ފަތްޕިލާވެލި ހައްދައި އާލާކުރުމަކީ އުނދަގޫކަމެއް ނޫނެވެ. ރަށްރަށުގައި ވެސް އެ މަސައްކަތްކުރުމަކީ މާ ގިނަ ޚަރަދުތަކެއް ނުހިނގައި ކުރެވިދާނެކަމެކެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރިޔަށްގެންދާ މި މަސައްކަތަކީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިފައިވާ "ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢު"ގައި އެ މަރުކަޒުގެ ދައުރު އިތުރުކުރުމަށް ޓަކައި، ދިވެހިރާއްޖޭގެ ޠަބީޢީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.