އެން.އޭ.ޕީ-ޕީ.އާރް.ވީ.އޭ.ސީ ގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމާއި އަދި އެކަމަށް ފިޔަވަޅު އެޅުމަށް އެކުލަވާލެވޭ ޤައުމީ އެކްޝަން ޕްލޭން (2024-2028) (އެން.އޭ.ޕީ-ޕީ.އާރް.ވީ.އޭ.ސީ) ގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމާއި ދައުލަތުގެ އެކި މުއައްސަސާތަކާއި، ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގެން ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން، މި މަޝްވަރާތަކުގައި، ގިނަ ދާއިރާތަކެއް ހިމެނޭ ގޮތަށް ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން، ދިވެހިރާއްޖޭގައި ކުޑަކުދިން ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާފައިވެއެވެ.
ހަމައެހެންމެ، މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އެން.އޭ.ޕީ-ޕީ.އާރް.ވީ.އޭ.ސީ (2024-2028)ގެ ތަންފީޒީ މަރުޙަލާގައި ދިމާވެދާނެ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ވަސީލަތްތަކުގެ ދަތިކަމާއި، އެކި އިދާރާތަކުގެ މެދުގައި މަޢުލޫމާތު ޙިއްޞާކުރުމުގެ ގޮންޖެހުންތަކާއި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ ދަތިތައް ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމާއި އަދި އެކަމަށް ފިޔަވަޅު އެޅުމަށް އެކުލަވާލެވޭ ޤައުމީ އެކްޝަން ޕްލޭން (އެން.އޭ.ޕީ-ޕީ.އާރު.ވީ.އޭ.ސީ) ތަޢާރަފުކުރެވުނީ 2017 ގައެވެ. ނަމަވެސް، ވިލަރެސްކުރުމާއި، ޚިދުމަތް ފޯރުކޮށްދިނުމާއި، މަޢުލޫމާތު އެއްކުރުމާއި އަދި މުޖުތަމަޢު ބައިވެރިކުރުވުމުގައި ހުރި ދަތިތަކުގެ ސަބަބުން މި ޕްލޭން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ކުރިމަތިވި ގޮންޖެހުންތަކަށް ރިޢާޔަތްކޮށް އަލަށް ތަޢާރަފުކުރެވުނު އެން.އޭ.ޕީ-ޕީ.އާރު.ވީ.އޭ.ސީ (2024-2028) ބިނާކޮށްފައިވަނީ، އެވިޑެންސް ބޭސްޓް އިންކްލޫސިވް އެޕްރޯޗެއް، ނުވަތަ ހެކީގެ މައްޗަށް ބިނާކުރެވޭ ޝާމިލު ނިންމުންތަކުގެ މައްޗަށެވެ.
ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން (އެންއޭޕީ-ޕީއާރްވީއޭސީ) ގެ ތަސައްވުރަކީ، ކޮންމެ ކުއްޖަކުވެސް ރައްކާތެރި މާޙައުލެއްގައި، ހުރިހާ ބާވަތެއްގެ އަނިޔާއިން އެއްކިބާވެ، ފުރިހަމަ ރައްކާތެރިކަމާއި، ހިމާޔަތާއި އަދި އިޖާބަދޭ ނިޒާމުތަކުގެ އެހީގައި ބޮޑުވަމުންދާނެ ޤައުމެއް ބިނާކުރުމެވެ.
އަދި އެންއޭޕީ-ޕީއާރްވީއޭސީގެ މައިގަނޑު ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެނީ:
1. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އަވަހަށް އިޖާބަދިނުމުގެ ތެރެއިން މިފަދަ ޢަމަލުތައް މަދުކުރުން.
2. ގައުމީ، ސަރަޙައްދީ އަދި ރަށު ފެންވަރުގައި ގިނަ ދާއިރާތަކެއް ގުޅިގެން ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުތައް ހަރުދަނާކުރުން.
3. ރައްކާތެރި ގެދޮރާއި، ސްކޫލްތަކާއި، މުޖުތަމަޢުތަކާއި އަދި އޮންލައިން މާޙައުލުތައް އުފެއްދުން.
4. އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ޢަދުލު އިންސާފު ކަށަވަރުކޮށްދީ، އަލުން މުޖުތަމަޢަށް ރިހެބިލިޓޭޓްކޮށްދީ، ދިގުދެމިގެންދާ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުން.
ނޭޝަނަލް އެކްޝަން ޕްލޭން އޮން ދަ ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން (އެން.އޭ.ޕީ-ޕީ.އާރް.ވީ.އޭ.ސީ) (2024-2028) އަކީ ހަމައެކަނި ސިޔާސަތު ބަޔާންކުރާ ލިޔުމެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގައި ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަނިޔާ ނައްތާލުމަށް ޤައުމީ ފެންވަރުގައި ކުރެވޭ އިޤްރާރެކެވެ.
އެގޮތުން، އެން.އޭ.ޕީ-ޕީ.އާރް.ވީ.އޭ.ސީ ގެ ސްޓިއަރިންގ ކޮމިޓީއަކީ ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަނިޔާ ހުއްޓުވުމަށް ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލަހައްޓާ، ޒިންމާދާރުވެރި ކުރުމަށް މަސައްކަތްކޮށް، އެން.އޭ.ޕީ-ޕީ.އާރް.ވީ.އޭ.ސީގެ ސިޔާސަތު ތަންފީޒުކުރުމަށް ހަރަކާތްތެރިވަމުންދާނެ ކޮމިޓީއެވެ. މަޤްޞަދަކީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކާއެކު، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިގެން ދިއުމެވެ.