ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީއަކީ ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީއެކެވެ.
މި ކޮމިޓީގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި ހިމެނެނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، ތަފާތުކުރުން ނައްތާލާ، އެކަށީގެންވާ މަސައްކަތުގެ މާޙައުލެއް ޤާއިމްކޮށްދިނުމެވެ. އަދި އެފަރާތްތައް ޝާމިލުކުރާނެ އުސޫލުތައް ކަނޑައެޅުމުގައި މިނިސްޓްރީއަށާއި އަދި ވަޒީފާދޭ ތަންތަނަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުމެވެ.
ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީއިން ކުރުމަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް ހޮވުމާއި އަދި ވަޒީފާ އަދާކުރުމުގެ މަރުޙަލާތަކުގައި ހަމަޖައްސައިދިނުމަށް އެދޭ ސަބަބުވެރި ބަދަލުތައް އެފަރާތްތަކަށް ހޯދައިދިނުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އިތުރު ފުރުޞަތުތައް އުފައްދާ، ޖޮބް ކޯޓާއެއް ކަނޑައެޅޭނެ ގޮތްތަކާމެދު މަޝްވަރާކޮށް، މި ކޯޓާ ހަމަޖެއްސުމުގެ މަސައްކަތްތައް ކުރުމަކީ ވެސް މި ކޮމެޓީއިން ރާވައިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތްތަކެވެ.
މީގެ އިތުރުން، ވަޒީފާއަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަންކްޝަނަލް އެސެސްމަންޓް ހެދުމަށް ވުޒާރާއިން މިހާރު ބޭނުންކުރާ ޓޫލް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ބައިތަކާއި އެކު އުފައްދާފައިވާ ޖޮބް ޕްރޮފައިލިންގ ޓޫލް ބޭނުންކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިކަން ވެސް މި ކޮމިޓީއިން ފޯރުކޮށްދެއްވާނެއެވެ. މި ޖޮބް ޕްރޮފައިލިންގ ޓޫލްގެ ޒަރިއްޔާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ވަށާޖެހޭ ހާލަތު ވަޒަންކުރެވި، މީގެ ސަބަބުން މިފަރާތްތަކަށް ދިމާވާ އިތުރު މައްސަލަތަކަށް ރިއާޔަތްކުރެވިގެންދާނެއެވެ.
23 ޖުލައި 2025 އިން ފެށިގެން މަސައްކަތްކުރައްވާ މި ކޮމިޓީގައި ހިމެނެނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް އެ ފަރާތްތައް ބާރުވެރިކުރުމަށް އިދާރާތަކުން ކަނޑައަޅާ ފަރާތްތަކެވެ. އެގޮތުން، މި ކޮމެޓީ އެކުލަވާލެވިފައިވަނީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ، ސިވިލް ސަރވިސް ކޮމިޝަން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާތަޔްކުރާ ކައުންސިލު، ޑިސްއެބިލިޓީ ލިއޭޒަން އޮފިސަރެއް، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޤާނޫނީ ވަކީލެއް އަދި ޕްރައިވެޓް ވަޒީފާދޭ ފަރާތްތައް ތަމްޞީލުވާނޭހެން މެންބަރުން ހިމަނައިގެންނެވެ.