ބ.ދޮންފަނު ސްކޫލުގައި މަލްޓިޕަރޕަސް ހޯލަކާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށްފި
ބ. ދޮންފަނު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މަލްޓިޕަރޕަސް ހޯލަކާއި ޢުމްރާނީ އެހެނިހެން ވަޞީލަތްތައް ތަރައްޤީ ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފި އެވެ.
މި މަޝްރޫޢުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދޮންފަނު ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.
މި މަޝްރޫޢުގެ ދަށުން ދޮންފަނު ސްކޫލުގައި 6 ކްލްކާސްރޫމާއި، މަލްޓިޕަރޕަސް ހޯލާއި، ލައިބްރަރީ އަދި ސައިންސް ލެބް ޢިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދޮންފަނު ސްކޫލުގެ މަސައްކަތް، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފައި ވަނީ 420 ދުވަހުން ނިންމާގޮތަށް، 22.6 މިލިއަން ރުފިޔާ އަށެވެ.